ފޯރިގަދަ ހިނގާލުމަކަށް ފަހު، ސަރުކާރު ހިންގާ ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީން މާދަމާ ބާއްވާ އިންތިހާބުތަކުގެ ކެމްޕޭން ނިންމާލައިފި އެވެ.
މިއަދު އިރުއޮއްސި 6:00 އަށް އިންތިހާބުގެ ކެމްޕޭން ނިންމާލަން ޖެހޭއިރު، ދެ ޕާޓީން ވެސް ކެމްޕެއިން ނިންމާލާފައި ވަނީ މާލެއާއި އަތޮޅު ތެރޭގައި ބޭއްވި ހިނގާލުމަކާއެކު އެވެ.
މާލޭގައި ޕީއެންސީން ބޭއްވި ހިނގާލުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ ޕާޓީގެ ލީޑަޝިޕް އަދި ކެންޑިޑޭޓުން ބައިވެރިވި އެވެ. އެމްޑީޕީގެ ހިނގާލުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ކެންޑިޑޭޓުން ބައިވެރިވި އެވެ.
ދެ ހިނގާލުމުގައި ވެސް ގިނަ އަދަދެއްގެ އާންމުން، ޕާޓީތަކުގެ ކުލައާއި ދިދަތަކާއެކު ޝުއޫރުފާޅުކުރަމުން ދިޔަ އެވެ.
މާލޭގެ އިތުރުން އާބާދީ ބޮޑު ބައެއް ރަށްތަކުގައި ވެސް މިއަދު ހަވީރު ސައިކަލު ބުރު ފަދަ ހަރަކާތްތައް ކުރިއަށްދިޔަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ އިންތިހާބުގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.