މާދަމާ ބާއްވާ އިންތިހާބުތަކާ ގުޅިގެން ރިޝްވަތު ހިފުން ފަދަ ކަންކަމުން ދުރުވާން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފި އެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކާއި މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ އަދި އެހެެނިހެން ގޮތްގޮތުން އެ ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ޝަކުވާތަކާ ގުޅޭ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ މައްސަލަތައް ކަމަށް ވާތީ، އެ މައްސަލަތައް ތަހުގީގުކުރުމުގައި ކޮމިޝަނުން ތަބާވަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށް ކަމަށް އޭސީސީން ބުނެ އެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި އިންތިހާބުގެ ނަޒާހާތްތެރިކަން ކަށަވަރުކުރުމަށް، ކެމްޕޭނު ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓަށް ނުފޫޒު ފޯރުވުމަށް ފަހު ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ.
އަދި ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް މީހަކަށް ރިޝްވަތު ހުށަނޭޅުމަށާއި އަދި ތެދުވެރިކަމާއެކު ވޯޓުލުމުގެ ހައްގުގެ ބޭނުންކުރުމަށް ވެސް ވަނީ އެދިފަ އެވެ.