ނުފޫޒެއް ނެތި ވޯޓުގެ ހައްގު އަދާކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)އިން އެދިއްޖެ އެވެ.
މާދަމާ ބާއްވާ އިންތިހާބުތަކާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުތަކުގައި ބައިވެރިވުމާއި ވޯޓުލުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ މުހިއްމު އަސާސީ ހައްގެއް ކަމަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވޯޓުލުމުގެ ހައްގު އަދާކޮށް، ގައުމުގެ ކަންކަން ރާވާ ހިންގުމާ ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ގޮވާލާ ކަަމަށެވެ.
އެގޮތުން ތިމާދޭ ވޯޓަކީ އެހެން ފަރާތެއްގެ ނުފޫޒެއް ނެތި ތިމާ ބޭނުންވާ ކެންޑިޑޭޓަކަށް އަމިއްލަ އިހުތިޔާރުގައި ދެވޭ ވޯޓަކަށް ހެދުމަށާއި، ވޯޓުލުމަށް ލިބިދީފައިވާ ހައްގަށް ހުރިހާ ފަރާތަކުން ވެސް ފުރިހަމައަށް އިހުތިރާމް ކުރުމަށް އެޗްއާރްސީއެމުން ވަނީ ގޮވާލާފަ އެވެ.
މީގެއިތުރުން ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ހައްގުތަކަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ އިންތިހާބުގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.