ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހި ފަށައިފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއައިއޭގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ. އެ ކުންފުންޏާއެކު އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 16 އޮކްޓޯބަރު 2024 ގައެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 10 އޭޕްރިލް 2025 ގައެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ޓެކްސީވޭ-ޗާލީގެ 1,100 މީޓަރު އަލުން ތަރައްގީކުރާނެއެވެ. މި ފިޔަވަހީގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 އޮކްޓޫބަރު 2026 އަށެވެ.
ވީއައިއޭގެ 3200 މީޓަރު ދިގު ޓެކްސީވޭ-ޗާލީ އަކީ 1976 ވަނަ އަހަރު ހެދި, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެންމެ ފުރަތަމަ ރަންވޭ އެވެ. މި ރަންވޭއަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭ ވަރަށް ތަރައްގީ ކުރީ 1981 ވަނަ އަހަރު އެވެ. އެއަށްފަހު ރަންވޭ ދިގުކޮށް, އެތައް ފަހަރެއްގެ މަތިން މަރާމާތު ކޮށްފައިވެ އެވެ. ހާއްސަކޮށް 2004ގެ ސުނާމީ ކާރިސާއަށްފަހު ރަންވޭ ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އަވަސް އަވަހަށް މަރާމާތު ކުރަން ޖެހުނެވެ. މި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރީ އޮކްޓޯބަރު 2022ގަ އެވެ. އެއީ މިހާރު ބޭނުން ކުރަމުން އަންނަ ކޯޑް އެފް ރަންވޭ ހުޅުވުމުންނެވެ.