Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނުކުތުމަށް އީސީން އެދިއްޖެ

މިއަދު ބާއްވާ ތިން އިންތިހާބުގައި ވޯޓުލާން ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ނުކުތުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މިއަދު ނަގާ ވޯޓުތަކަކީ މުހިއްމު ވޯޓުތަކެއް ކަމަށާއި އެގޮތުން ދައުލަތުގެ ހިންގުމުގެ ނިޒާމުތަކަށާއި އިންތިޒާމުތަކަށް ގެނެވޭ ބަދަލުތަކަކާއި، ރައްޔިތުންނާ ގުޅުންހުރި މުހިއްމު މަޤާމުތަކަށް މީހުން ޚިޔާރުކުރުމަށް ނަގާ ވޯޓުތަކަކީ ރައްޔިތުންގެ ބަސް ކޮންމެހެން އިއްވަންޖެހޭ ނިންމުންތަކެއް ކަމަށެވެ.

އެގޮތުން ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ނިކުމެ ވޯޓުލާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ވޯޓުލާންދާ ކޮންމެ މީހަކަށްވެސް ތިން ވޯޓު ކަރުދާސްކޮޅު ދޭނެ ކަމަށް ޒާހިދު ވިދާޅުވި އެވެ. ނަމަވެސް ވޯޓުލާންދާ މީހަކު ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް ބުނެފިނަމަ އެ މީހަކަށް އެ ވޯޓު ކަރުދާހެއް ނުދޭނެ ކަމަށާއި އަދި އެ މީހަކަށް އެ ކަރުދާސްކޮޅު ނުދޭކަން އިއުލާނު ކުރާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.

ޒާހިދު ވިދާޅުވީ މީހަކު ވަކި ވޯޓުކަރުދާހެއް ބޭނުން ނުވާކަން އިއުލާނު ކުރަނީ އޮބްޒާވަރުންނާއި ދެންވެސް ތިބޭ ފަރާތްތަކަށް އެކަން ނޯޓު ކުރުމުގެ ފުރުސަތު ދޭން ކަމަށެވެ. އަދި ހާދިސާ ރިޕޯޓުގައި ވެސް އެކަން ލިޔާނެކަމަށާއި އަދި އެ ވޯޓު ކަރުދާސް ބޭނުން ނުކުރާކަން ހާމަކުރާނެ ކަމަށް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަދު ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.