މިއަދު ބާއްވާ ތިން އިންތިހާބުގެ ވޯޓްލުން ފަށައިފި އެވެ.
މިއަދު ބާއްވާ ތިން އިންތިހާބަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓެވެ.
މި އިންތިހާބުތަކުގެ ވޯޓްލުން ހެނދުނު 8:00 ގައި ފެށި އިރު، ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދަން އިލެކްޝަން ކޮމިޝަން (އީސީ) އިން އޮތީ ނިންމައިފަ އެވެ. ވޯޓުލާން ދާން ޖެހޭ ތަން (VR (Space) ID number to 1414) އަށް އެސްއެމްއެސްކޮށްގެން ބެލޭނެ އެވެ..
މި އިންތިޚާބުތަކަށް އަތޮޅުތަކާއި ރިސޯޓްތަކާއި ޖަލު އަދި މާލޭ ސަރަހައްދު ހިމެނޭ ގޮތަށް އި ޖުމްލަ 588 ވޯޓު ބަހައްޓާފައިވެ އެވެ.
މި އިންތިހާބުތަކުގައި ވޯޓްލުމުގެ ހައްގު 294،876 މީހުންނަށް ލިބިގެންވެ އެވެ. އެއީ 144،505 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 225 ދާއިރާއަކަށް 1،356 މެންބަރުން އިންތިޚާބު ކުރާނެ އެވެ.
މި އިންތިޚާބުގެ ކަންކަން ދެފުށްފެންނަ އިންސާފުވެރި އަމާން މާހައުލެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް 8،000 އަށް ވުރެ އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ހަރަކާތްތެރިވެ އެވެ. އޭގެ ތެރޭގައި ލޯކަލް އޮބްޒާވަރުންގެ ގޮތުގައި 1,626 ފަރާތަކާ، ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ގޮތުގައި 38 ފަރާތެއް ހިމެނެ އެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 4,021 ފަރާތަކާއި އިންތިޚާބުގެ ކަންކަން މޮނީޓަ ކުރުމަށް، 3,275 ފަރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވެ އެވެ.