Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ރައީސް މުއިއްޒު ވޯޓްލައްވައިފި

މިއަދު ބާއްވާ އިންތިހާބުތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވޯޓް ލައްވައިފި އެވެ.

މިއަދު ނަގާ ތިން ވޯޓަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް މެންބަރުން ހޮވުމާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް މެންބަރުން ހޮވުމުގެއިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓެވެ.

ރައީސް ވޯޓްލެއްވީ ތާޖުއްދީން ސްކޫލުގައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށެވެ.

ވޯޓް ދެއްވުމަށް ފަހު ނޫސްވެރިންނާ ވެސް ރައީސް ބައްދަލު ކުރެއްވި އެވެ. އަދި އެ މަނިކުފާނު ވަނީ ހުރިހާ ރައްޔިތުން ވެސް ވޯޓުލެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ރައްޔިތުންގެ ގާނޫނީ ހައްގު އަދާކުރެއްވުމަށް، މިއަދުގެ ވޯޓުގައި ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އިލްތިމާސްކުރަން." ރައީސް ވިދާޅުވި އެވެ.

މުޅި ރާއްޖޭގައި ވޯޓްލުން ހެނދުނު 8:00 ގައި ފެށި އިރު، ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

މިއަދު ބާއްވާ ތިން އިންތިހާބުގައި ވޯޓުލުމުގެ ހައްގު، ޖުމްލަ 299،876 މީހުންނަށް ލިބިފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 225 ދާއިރާއަކަށް 1،356 މެންބަރުން އިންތިޚާބު ކުރާނެ އެވެ.