Last Updated: June 4, 18:34
Thursday, June 4, 2026
ޚަބަރު

ވައިކަރަދޫ ދަނޑުވެރިންނަށް ހާއްސަ ފެރީއެއް

ހދ. ވައިކަރަދޫގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓަށް ނެރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ތަކެތި އުފުލުމަށް ޚާއްޞަ ފެރީއެއްގެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް އެންމެ ފަހުން ކުރެއްވި ދަތުރުގައި ވައިކަރަދޫގެ ދަނޑުވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ފަހިކޮށް ދެއްވި ކަމެކެވެވެ.

އެގޮތުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހަކު ވައިކަރަދު އާއި ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމުގެ މަސައްކަތް ކުރާނެ އެވެ.

އެ ޚާއްޞަ ފެރީގެގެ ސަބަބުން ވައިކަރަދޫގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ކުޅުދުއްފުށީގެ ހޮނިހިރު ބާޒާރުގައި ވިއްކުމަށް މަގުފަހިވެގެންދާނެ އެވެ.

މިއީ އެ ރަށުގެ އިގްތިސާދަށާއި ދަނޑުވެރިންގެ އާމްދަނީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް ވެސް އެމީހުންގެ އުފެއްދުންތަކުން އެކަށީގެންވާ ރަނގަޅު ނަފާއެއް ހޯދައި ދިނުމަށްޓަކައި، ދަނޑުވެރިންގެ އުފެއްދުންތަކާއި، މާރުކޭޓުތަކާ ގުޅުވައި ދިނުމަށް، އިތުރުގޮތްތައް ހޯދައި ދިނުމަށް، މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.