ހުކުރުވިލޭރޭ އައްޑޫން ކަރަންޓް ކެނޑުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފެނަކަ އިން ބުންޏެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫން ކަރަންޓް ކެނޑުނީ ހުކުރުވިލޭރޭ މެންދަމު 2:00 އެހާކަށްހާ އިރު އެވެ. އަދި އަލުން ކަރަންޓް ލިބުނީ ހުކުރު ދުވަހުގެ ހެނދުނު 9:00 ޖަހަން ގާތްވެފައި ވަނިކޮށެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑުމަކީ ވަރަށް އާންމު ކަމެކެވެ.
ނަމަވެސް ފެނަކަ އިން ބުނީ އެރޭ ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތުގެ ތެރެއިން، އިތުރަށް ތަހުގީގު ކުރަންޖެހޭ ކަންތައްތަކއް ފާހަގަވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަންތަތަކެއް ކަމަށް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
ފެނަކަ އިން ބުނި ގޮތުގައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ މައްސަލަތައް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން މޭޔަރު އަލީ ނިޒާރު ހުކުރު ދުވަހު ހެނދުނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ސެންޓްރަލް ޕަވަ ސްޓޭޝަންގެ ޕެނަލްތަކުގެ ތެރެއަށް ، މީދަލެއް ވަދެގެން ދިމާވި ޝޯޓަކާއި ގުޅިގެން ހިތަދޫން ގަމަށް ކަރަންޓް ދޭން އަޅާފައިވާ ކޭބަލް ހަލާކުވެފައިވާކަމުގެ މައުލޫމާތު ލިިބިފައިވާ ކަމަށެވެ.
ސަރުކާރުން އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް މިހާތަނަށް އެކަށީގެންވާ ހައްލެއް ހޯދައި ދެވިފައި ނުވާތީ މޭޔަރު އެކި ފަހަރު މަތިން ސަރުކާރާއި ފެނަކަ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ. ނިޒާރު ވިދާޅުވެފައި ވަނީ ފެނަކަ އޮތީ ފެއިލްވެފައި ކަމަށެވެ.
އައްޑޫގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަޅާ އިންޖީނުގޭގެ މަޝްރޫއު ފެނަކަ ކޯޕަރޭޝަނުން މިދިޔަ މަހު 7 ގައި ވަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޑެފިނިޓް ސޮލިއުޝަންސްއާ ހަވާލު ކޮށްފަ އެވެ.
މިއީ އެ މަސައްކަތް މި ސަރުކާރުން ބަޔަކާ ހަވާލުކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މަސައްކަތް ހަވާލުކުރީ ޗައިނާގެ ކުންފުންޏަކާ އެވެ. އެޕްރީލް 18، 2024 ގައި މަސައްކަތް ހަވާލުކުރީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ އެވެ.