Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

މިއީ މަޖުބޫރު ވޯޓެއް ކަމަށް ދެކެން ޖެހޭ: ޔާމީން

ޔާމީން ވޯޓްލައްވަނީ. ފޮޓޯ/ ދައުރު

މިއަދު ބާއްވާ އިންތިހާހުތަކަކީ އިހުތިޔާރީ ކަމަކަށް ނުހަދައި މަޖުބޫރު ވޯޓަކަށް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާންމުނަށް އިލްތިމާސް ކުރައްވައިފި އެވެ.

މިއަދު ބާއްވާ ތިން އިންތިހާބަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓެވެ.

ވޯޓް ލެއްވުމަށް ފަހު މީޑިއާތަކަށް ޔާމީން ވިދާޅުވީ މިއީ ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވެ، ބަސް ބުނެފައިވާ ވޯޓެއްކަން ކަށަވަރުކުރުމަކީ އިލެކްޝަން ކޮމިޝަން (އީސީ) ގެ މައްޗަށް ވެސް އޮތް ޒިންމާއެއް ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުން ކަންކަން ހަމަޖައްސާފައި ވަނީ ވަރަށް ޢައިރު ޒިންމާދާރުކޮށް ކަމަށ ވިދާޅުވި އެވެ.

ވޯޓުގެ އިންތިޒާމުތަކާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ ވޯޓުލާން ދާ މީހުންނަށް އޭނާ ވޯޓުލާން ބޭނުން ނުވާ ކަރުދާހެއް އަތަށް ނުނަގަން ދޫކޮށްލަން ނިންމުމާއި ރާއްޖެ އިން ބޭރު ބައެއް ގައުމުތަކުގައި ތިބި އެތައް ހާސް ދިވެހިންނަށް ވޯޓުގައި ބައިވެރިކުރުމަށް މަސައްކަތްތަކެއް ނުކޮށް އަދި އެ ގައުމުތަކުގައި އެއްވެސް ވޯޓު ފޮއްޓެއް ނުބެހެއްޓުމާއި ރާއްޖޭގައި ތިބި ދިވެހިންނަށް ވެސް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީ، މި ވޯޓު ލާން ނުކުންނަން ބާރުއެޅުމަށް އީސީން މާ ގިނަ މަސައްކަތްތަކެއްކޮށްފައި ނެތް ކަމަށެވެ.

"ރީރަޖިސްޓްރީވާން މީހުންގެ އިންޓްރެސްޓެއް، ޝައުގެއް ފެންނަން ނެތީމައި ތިމަންނަމެންގެ އީސީގެ] ވެސް އިންޓްރެސްޓެއް ނެތޭ،" ޔާމީން ވިދާޅުވި އެވެ. "އެހެނެއް ނޫން އެ ކަން އޮންނަން ވާނީ. އީސީގެ އިންޓްރެސްޓް އޮންނަން ވާނެ ގައުމީ މިހާ ބޮޑެތި ކަންކަމުގައި މީހެއްގެ އިންޓްރެސްޓް ނެތަސް."

ހެނދުނު 8:00 ގައި ވޯޓްލާން ފެށި އިރު، ހަވީރު 4:00 އާ ހަމައަށް ވޯޓްކުން ޖަހަންކުރިއަށް ދާނެ އެވެ.

މިއަދުގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު 294،937 މީހަކަށް ލިބިގެންވެ އެވެ.