މި މަހުގެ ތެރޭގައި ޝޫޓިން ފަށަން ނިންމާފައިވާ ބަތަލާ ކަންގަނާ ރަނާވަތުގެ 'ކްއީން' ގެ ސީކްއެލްގެ ނަމަކީ 'ކްއީން ފޯއެވާ' ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަމަވެސް މިކަން އަދި ފިލްމުގެ ޓީމުން ކަށަވަރުކޮށެއް ނުދެ އެވެ.
'ކްއީން ފޯއެވާ' ވެސް ޑައިރެކްޓް ކުރާނީ 2013 ގެ ކްއީން ޑައިރެކްޓްކުރި ވިކާސް ބާލް އެވެ. ނަމަވެސް އާ ފިލްމު ޕްރޮޑިއުސް ކުރަނީ ޕްރޮޑިއުސަރު އަމިތު ޗަންދުރާގެ ޓްރިގާ ހެޕީ ސްޓޫޑިއޯސްއިންނެވެ. ކުރީގެ ފިލްމު ޕްރޮޑިއުސްކުރީ މިހާރު އުވާލާފައި އޮތް ފޭންޓަމް ފިލްމްސް އިންނެވެ.
'ކްއީން ފޯއެވާ' ޕްރޮޑިއުސްކުރާ ސްޓޫޑިއޯ އަކީ މިދިޔަ އަހަރު ފަރުހާންގެ އަޚްތަރުގެ އެކްސަލް އެންޓަޓައިންމަންޓާ ގުޅިގެން އޭނަގެ '120 ބަހާދޫރު' ވެސް ގެނެސްދިން ސްޓޫޑިއޯ އެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު އަދި ކަންގަނާ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބުނު 'ކްއީން' ގެ ދެވަނަ ބައިގެ ޝޫޓިން ފަށަން ތައްޔާރީތައްވަމުން އަންނަ އިރު، މީގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.
'ކްއީން' ގެ ކާސްޓްގައި ކަންގަނާއާ އެކު ރާޖްކުމާރު ރާއޯ އާއީ ލީޒާ ހޭޑެން ހިމެނެ އެވެ.
މި ފިލްމުގައި ކިޔައި ދީފައި ވަނީ އިންނަން އުޅުނު މީހާ ކައިވެނީގެ ދެ ދުވަސް ކުރިން ކައިވެނި ކެންސަލްކުރުމުން ދުރާލައި ހަދާފައި އޮތް ހަނީމޫން ދަތުރަށް އެކަނިމާއެކަނި ދާ އަންހެނެއްގެ ވާހަކަ އެވެ.
މިހާރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކަންގަނާގެ އެންމެ ފަހުގެ ފިލްމަކީ އޭނަ ޑައިރެކްޓްކޮށް، ކުޅެ މިދިޔަ އަހަރުގެ ޖެނުއަރީގައި ގެނެސްދިން 'އިމަޖެންސީ' އެވެ.