މިއަދު ބާއްވާ ތިން އިންތިހާބުގައި ވޯޓްލާން ފެށިތާ ތިން ގަޑިއިރު ތެރޭގައި ވޯޓްލާފައި ވަނީ 58،819 މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 19.95 ޕަސެންޓް މީހުންނެވެ. އެގޮތުން ހެނދުނު 8:00 އިން ފެށިގެން ވޯޓްލުން ކުރިއަށްދާ އިރު، 11:00 އާ ހަމައަށް ވޯޓް ލާފައި ވަނީ 33،058 ފިރިހެނުންނާއި 25،761 އަންހެނުންނެވެ.
މިއަދު ބާއްވާ ތިން އިންތިހާބަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓެވެ.
މި އިންތިހާބުތަކުގައި ވޯޓްލުމުގެ ހައްގު 294،876 މީހުންނަށް ލިބިގެންވެ އެވެ. އެއީ 144،505 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.
އިންތިހާބުތަކުގެ ވޯޓްލުން ހެނދުނު 8:00 ގައި ފެށި އިރު، ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދަނާނެ އެވެ.
މި އިންތިޚާބުތަކަށް އަތޮޅުތަކާއި ރިސޯޓްތަކާއި ޖަލު އަދި މާލޭ ސަރަހައްދު ހިމެނޭ ގޮތަށް ޖުމްލަ 588 ވޯޓު ބަހައްޓާފައިވެ އެވެ.