Last Updated: June 4, 23:58
Thursday, June 4, 2026
ދުނިޔެ

މެދުއިރުމަތި ދޫކޮށް، އެމެރިކާ ފިލައި ރައްކާވަނީބާ؟

އެމެރިކާ އާއި އިޒުރޭލު ގުޅިގެން، އީރާނަށް ދިން ޙަމަލާތަކާއި، ރައްދުގައި އީރާނުން ދިން ވަރުގަދަ ޙަމަލާތަކާއި، އަދި އޭގެ ފަހުން ޢާލަމީ ސިޔާސަތަށް އައި ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ ސިޔާސީ ޗާޓު މުޅިން ބަދަލުކޮށްލައިފި އެވެ. އެތައް އަހަރެއް ވަންދެން ދުނިޔޭގައި ޤާއިމުވެފައި އޮތް ނިޒާމު، މިހާރު ވަނީ ރޫޅި، ފޫވައް ވެއްޓިފައެވެ. ދުނިޔެ މިވަގުތު ހުއްޓި މިއޮތީ ވަރަށް ޚުޠޫރަތްތެރި ހަތަރު އަނގޮޅިއެއްގެ ކަންމަތީގައެވެ. އަދި ބާރުގެ ތަވާޒުނު މިދަނީ ވަރަށް ހަލުވި ކަމާއެކު ތަބުދީލު ވަމުންނެވެ.

ދާދި ފަހުން ޕާކިސްތާންގެ އިސްލާމްއާބާދުގައި ބޭއްވި ޚާރިޖީ ވަޒީރުންގެ މުހިންމު ބައްދަލުވުމުގައި ތަސްދީޤުކޮށްފައިވާ ގޮތުގައި، ދެން އެ ސަރަޙައްދާއި ގުޅޭ ނިންމުންތައް ނިންމާނީ، އެ ސަރަޙައްދުގެ ޤައުމުތައް ގުޅިގެން އަމިއްލައަށެވެ.

ބޮޑެތި އަދި ހައިރާން ކުރުވަނިވި ބައެއް ބަދަލުތައް، އެ ދަތި އުނދަގޫވަގުތުގެ ތެރޭގައި ފެނިގެން ގޮސްފައިވާއިރު، އެ ބަދަލުތަކަކީ މަޝްވަރާކުރުން ވަރަށް މުހިންމު ބަދަލުތަކެކެވެ.

1. އެމެރިކާއާ ދެކޮޅަށް ޢާލަމީ އެއްވުމާއި، ވިލާތުގެ މިސްރާބު މިހާރު ވަނީ ބަދަލުވެފައެވެ. އަދި މިހާރު، މިއީ އެމެރިކާއިން ބުނާހާގޮތަކަށް ދުނިޔެއިން ބޯގުދުކުރާނެ ޒަމާނެއް ނޫނެވެ. ފަހަކަށްއައިސް، އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ވިލާތުގެ ޤައުމުތަކުގެ ސުލޫކަށެވެ. ފެންނަފެނުމުގައި، ގާތްގަނޑަކަށް، މުޅި ވިލާތުގެ އިއްތިޙާދު ހީވަނީ މިހާރު އެމެރިކާގެ ހަނގުރާމައިގެ ޖުނޫނާ ދެކޮޅަށް ތެދުވެފައި ވާހެންނެވެ.

އެމެރިކާގެ ހަނގުރާމަތަކުގެ ސަބަބުން ކުރިމަތިވެފައިވާ އިޤުތިޞާދީ އަދި ރެފިއުޖީ މުޞީބާތުގެ ބުރަ، ވިލާތުގެ ޤައުމުތަކަށް އުފުލަން ޖެހިފައިވާކަން، ވިލާތުގެ ޤައުމުތަކަށް ވިސްނިއްޖެއެވެ. އެހެންކަމުން ވިލާތުގެ ޤައުމުތަކުން އިސްކަންދެނީ ލޯމަރާލައިގެން ތަބާވުމުގެ ބަދަލުގައި، އަމިއްލަ މިނިވަންކަމާއި، އިސްތިޤުލާލީ ޚާރިޖީ ސިޔާސަތަށެވެ.

2. ޢަރަބި ޤައުމުތައް ދަނީ ހޭލުންތެރި ވަމުންނެވެ. އަދި އިޒުރޭލުގެ ޙީލަތްތެރިކަން އެމީހުންނަށް އެނގިއްޖެއެވެ. އިޒުރޭލުން ގެންގުޅޭ "ބައިބައިކޮށްގެން ވެރިކަންކުރުމުގެ ސިޔާސަތު" މިހާރު ވަނީ އެމީހުންގެ އަމިއްލަ ކަރަށް މެހިފައެވެ. ސަޢޫދީ ޢަރަބިއްޔާއާއި، މިސްރު ފަދަ ބޮޑެތި އަދި ނުފޫޒުގަދަ ޢަރަބި ޤައުމުތަކަށް މިހާރު، އިޒުރޭލާއި އެމެރިކާގެ ޙީލަތްތެރިކަން ވަރަށް ރަނގަޅަށް އެނގެއެވެ.

މުޅި މެދުއިރުމަތީގައި އަލިފާން ރޯކޮށްލައިގެން އިޒުރޭލުން ބޭނުންވަނީ، ހަމައެކަނި އަމިއްލަ މަންފާއާއި، މަތިވެރި ދަރަޖަކަން ޢަރަބިންނަށް އެނގިއްޖެއެވެ. މިހާރު ޢަރަބިން ކުޅިބެލުންތެރިންގެ ގޮތުގައި ތިބީ، ނުވަތަ އެހެން ބައެއްގެ ބަދަލު ހަނގުރާމައެއްގެ ބައިވެރިޔަކަށް ވުމުގެ ބަދަލުގައި ޑިޕްލޮމެޓިކް ޙައްލެއް ހޯދުމަށް މަސައްކަތްކުރަނީ އެހެންވެގެންނެވެ. އިސްލާމީ ޤައުމުތަކުގެ މެދުގައި ހެދިބޮޑުވަމުން އަންނަ ގާތްކަން، އިޒުރޭލުގެ ހުވަފެންތައް ވަނީ ފުނޑުފުނޑު ކޮށްލާފައެވެ.

3. އެމެރިކާގެ އަސްކަރީ ބާރުގެ ވަހުމު ފުނޑުފުނޑު ވެއްޖެއެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުފޫޒު ފޯރުވަމުން އައި އެމެރިކާގެ އަސްކަރިއްޔާއަށް، އެ ސަރަޙައްދުގައި ކުރިމަތިވެފައި ވަނީ ވަރަށް ބޮޑު ނާކާމިޔާބީއަކާއެވެ. ޒަމާނީ ފަންނިއްޔާތާއި، ޑްރޯންތަކާއި، މިސައިލްތަކުގެ ސަބަބުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ވަނީ އިންތިހާއަށް ރައްކާތެރިކަން ކުޑަ، އަދި އެތަން ތަނުގައި ދެމިތިބުމަށް އުނދަގޫ ތަންތަނަށް ވެފައިވެއެވެ.

ކަނޑު ރަސްގެފާނުގެ ނަމުން މުޚާޠަބު ކުރެވޭ އެމެރިކާގެ ބިޔަ އެއާކްރާފްޓް ކެރިއަރުތަކަށް މިހާރު ޖެހިފައިވަނީ، އެތަކެތި ސަލާމަތް ކުރުމަށްޓަކައި ފަހަތަށް ޖެހި، ރައްކާތެރި ދުރުމިނަކަށް ފިލަން މަޖުބޫރުވެފައެވެ. އެމީހުންނަކީ އެއްގޮތަކަށްވެސް ބަލިނުކުރެވޭނޭ ބައެއް ކަމުގެ ބިރު، މިހާރު ވަނީ ނިމިފައެވެ.

4. "އެމެރިކާ އަކީ މިހާރު ފުލުހެއް ނޫން" ކަމަށް، ޑޮނަލްޑް ޓުރަމްޕްގެ އިޢުތިރާފު ވެއްޖެއެވެ. ޙާލަތު މިހާރު ގޮސްފައިވާ ހިސާބަކީ، "މިއަދު އަހުރެމެންނާ އެކު ނެތް ބަޔަކާއެކު، މާދަމާ އަހުރެމެން ނުތިބޭނަމޭ" ބުނަން ޚުދު ޑޮނަލްޑް ޓުރަމްޕަށް މަޖުބޫރުވުމެވެ. އޭނާގެ ހަރުކަށި ރަވައްޔާއާއި، އަދި ބަޔާނުގައި، ބުނެފައިވަނީ "ތެޔޮ ބޭނުންވާ ބަޔަކު އަމިއްލައަށް ގޮސް ތެޔޮ ހޯދަންވީއެވެ. އަހުރެމެން އެއްވެސް ބަޔަކަށް އެހީތެރިވާކަށް ނޫޅެމެވެ." މިވާހަކަތަކުން ސާފުކޮށް އެނގޭ ގޮތުގައި، އެމެރިކާ މިހާރު އޮތީ ހަނި ފުރުޞަތެއްގެ ތެރެއިން ލާފައި، އެ ސަރަޙައްދުން ނިކުތުމުގެ މަރުޙަލާގައެވެ. މެދުއިރުމަތީގެ ނުރައްކާތެރި މައުޤިފުގެ ތެރެއަށް އިތުރަށް ގެނބުމަކީ މިހާރު އެމެރިކާގެ މަސްލަޙަތެއް ނޫންކަން، އެމީހުންނަށް ވިސްނިއްޖެއެވެ.

5. އިސްލާމްއާބާދު ސަމިޓާއެކު، ޢާލަމީ އައު ބާރުތަކުގެ ޖަމާޢަތެއް، ފާޅުވެއްޖެއެވެ. ދާދިފަހުން އިސްލާމްއާބާދުގައި ބޭއްވި ޚާރިޖީ ވަޒީރުންގެ މުހިންމު ކޮންފަރެންސްގައި، މިހާރު އިސްލާމީ އުއްމަތާއި، އެ އުއްމަތުގެ އެކުވެރިންނަށް އަމިއްލައަށް ނިންމުންތައް ނިންމޭނެ ކަމުގެ މެސެޖު ދުނިޔެއަށް ލިބިއްޖެއެވެ.
އިސްލާމީ ދުނިޔޭގެ ހަމައެކަނި ނިއުކުލިއާ ބާރު ކަމަށްވާ ޕާކިސްތާނަކީ، މުޅި އެ ޖަމާޢަތުގެ އެންމެ ވަރުގަދަ ދިފާޢީ އެއް ތަނބެވެ. އަދި އުއްމީދާއެކު އެންމެން ބަލަމުންދަނީ ޕާކިސްތާނަށެވެ.

ތުރުކީގެ ޒަމާނީ ދިފާޢީ ޓެކްނޮލޮޖީއާއި، ޑްރޯންތަކުގެ ބާރުގެ ސަބަބުން މި އިއްތިޙާދަށް ނުރައްކާތެރި އަސްކަރީ އަދި ޑިޕްލޮމެޓިކް ބެކަޕެއް ފޯރުކޮށްދޭނެއެވެ.

ސައުދީ ޢަރަބިއްޔާ އާއި، މިޞްރަކީ އިސްލާމީ ދުނިޔޭގެ އިޤުތިޞާދީ އަދި ސިޔާސީ މައިބަދައަށް ވުމުން، އެ ދެ ޤައުމުން މި އައު އިއްތިޙާދުގައި އިސްދައުރެއް އަދާކޮށް، މި އިއްތިޙާދު ކުރިއަށް ގެންދާނެއެވެ. އަދި އެ ޤައުމުތަކުން އެމެރިކާއިން ދައްކާ ވާހަކަތަކަށް މިހާރު ރިޢާޔަތެއް ނުކުރެއެވެ.

ޗައިނާގެ ހިޔަނި އެކުވެރިކަމާއި، ދުނިޔޭގެ ކުރިމަގުގެ ސުޕަޕަވަރ 'ޗައިނާ' ޕާކިސްތާނާ އެކު އޮތުމަކީ، މި އިއްތިހާދުގެ އެންމެ ބޮޑު ގޭމް ޗޭންޖަރއެވެ. އަލަށް އުފެދިފައިވާ މި ޖަމާޢަތަށް، ޗައިނާއިން ތާއީދު ކުރަނީ އެ ޤައުމުގެ އިޤުތިޞާދީ ބާރާއި، ވީޓޯ ބާރުގެ ތެރެއިން ކަމުން، އެއީ އެމެރިކާއާ އި އިޒުރޭލުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ.

ނިންމުމުގެ ގޮތުން ބުނެލާނީ ދުނިޔެއަކީ މިހާރު ހަމައެކަނި ވޮޝިންޓަނުގެ ފައިސާ ޕެޓްރޯޑޮލަރު ބޭނުންކުރާ "ޔުނިޕޯލާ" ތަނެއް ނޫނެވެ. ޒަމާން ބަދަލުވެއްޖެއެވެ. ޓުރަމްޕްގެ ބަޔާނަކީ އެމެރިކާގެ ބާރުވެރިކަން ނިމުމަކަށް އަންނަން އުޅޭކަމުގެ ނިޝާނެކެވެ. ޕާކިސްތާނާއި، ތުރުކީއާއި، ސަޢޫދީ ޢަރަބިއްޔާއާއި، މިޞްރާއި، އަދި ޗައިނާގެ މި އެކުވެރިކަމާއި، ގުޅުން ކުރިއަށްދާނަމަ ބޭރުގެ ބާރުތަކުން މެދުއިރުމައްޗަށް ތަދައްޚުލުވުން އަބަދަށްޓަކައި ނެތިގެންދާނެ ދުވަހަކީ، މާ ދުރުގައިވާ ދުވަހެއް ނޫނެވެ.

މި މަސައްކަތަށްޓަކައި، އަދި މި ބޮޑު ބަދަލަށްޓަކައި، މުސްލިމު ޤައުމުތައް ހޭލައްވާލުމަށް އަނިޔާވެރިކަމާއެކު ބުރަކޮށް މަސައްކަތްކުރި އެމެރިކާއާއި، އިޒުރޭލަށް ޚާއްޞަ ޝުކުރެއް އަދާކުރަން ޖެހެ އެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.