Last Updated: June 4, 18:34
Thursday, June 4, 2026
ޚަބަރު

އިންތިހާބާ ގުޅޭ 36 ޝަކުވާއެއް އީސީ އަށް

މިއަދު ކުރިއަށްދާ އިންތިހާބުތަކާ ގުޅިގެން މިހާތަނަށް 36 މައްސަލައެއް ހުށަހަޅާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

މިއަދު ކުރިއަށްދާ ތިން އިންތިހާބަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓެވެ.

އީސީން ބުނީ މިއަދު ހެނދުނު 7:00-9:00 އާ ހަމައަށް ކޮމްޕްލެއިންސް ބިއުރޯއަށް ފޯނުން 28 ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ހަތް ޝަކުވާއެއް ލިބިފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ މަނާ ގަޑިތަކުގައި ކެމްޕެއިން ކުރުމާ ގުޅޭ ހަތް ޝަކުވާއަކާއި، އިންތިހާބީ މައުލޫމާތުތަކާ ގުޅޭ ހަތަރު ޝަކުވާއަކާއި، ވޯޓުލާ ސަރަހައްދާ ގުޅޭ އަށް ޝަކުވާއެކެވެ. މީގެ އިތުރުން ވޯޓު ކަރުދާހާ ގުޅޭ ތިން ޝަކުވާއަކާއި، ވޯޓުލުމުގެ މަރުހަލާގައި ދިމާވާ މައްސަލަތަކުގެ ދެ ޝަކުވާއެއްގެ އިތުރުން އެހެނިހެން ފަސް ޝަކުވާއެއް ހިމެނޭ ކަމަށް އީސީން ބުންޏެވެ.

އިންތިހާބުތަކުގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ. ވޯޓްލުން ހަވީރު 16:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އަދި މި އިންތިހާބުގައި 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.