Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަނަކީ ބަންގްލަދޭޝް

މާލޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްްގެ ޗެމްޕިއަންކަން ބަންގްލަދޭޝް އިން ހޯދައިފި އެވެ.

ރޭ ކުޅުނު ފޯރިގަދަ ފައިނަލްގައި މެޗް އެ ގައުމާ ދެކޮޅަށް ނުކުތީ އިންޑިއާ އެވެ.

ބަންގްލަދޭޝް އިން މުބާރާތް ކާމިޔާބުކުރީ ގަލޮޅު ދަނޑުގައި ކުޅުނު މެޗްގައި 4-3 ގެ ނަތީޖާއަކުންނެވެ. އެއީ ޕެނަލްޓީގައެވެ. ޕެނަލްޓީއަށް ދިޔައީ ފުރިހަމަ ވަގުތު ގޯލެއް ނުޖެހި އެއްވަރުވުމުންނެވެ.

މެޗުގެ ކުރީކޮޅުގައި ބޮޑަށް ނުރައްކާކޮށް، ކުރިއަށް ޖެހުނީ ބަންގްލަދޭޝްއިންނެވެ. އެމްޑީ މުރްސިދު އަލީ އާއި އެމްޑީ މަނިކްގެ ގިނަ ހުރަސްތަކެއް ފެނިގެން ގޮސްފައިވާ އިރު، ރޮނަން ބެންޖަމިން ސުލިވަންގެ ހަމަލާ މަތަކުރީ އިންޑިއާ ކީޕަރު ސޫރަޖް ސިންހް އަހޭބަމްއެވެ.

ކޯނަރުތަކުގައިވެސް ބަންގްލަދޭޝް ބޮޑަށް ނުރައްކާ ކޮށް ފެނުނު އިރު، އަނެއްކޮޅުން އިންޑިއާއިން ކުރިއަށް ޖެހޭ ވަގުތުތަކުގައި ނުރައްކާ ކުރީ އޮމަންގް ޑޯޑުމްއެވެ. މުބާރާތުގައި މޮޅަށް ކުޅެމުން އަންނަ ޑޯޑުމްގެ ނުރައްކާ ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް ހާފު ނިމުނީ ގޯލެއް ނުޖެހި، 0-0 އިން އެއްވަރުވެގެންނެވެ.

މެޗްގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެއްވެސް ޓީމަކަށް ހުސް ފުރުސަތެއް ލިބިފައި ނުވާ އިރު، އެންމެ ރަނގަޅު ފުރުސަތަކަށް ފެނުނީ މެޗުގެ ފަހުކޮޅުގައި ރޮނަންއަށް ލިބުނު ފުރުސަތެވެ. ބެންޗުން އެރި އޭނާގެ އެއްމާބަނޑު ޑެކްލަން ތިއެޑޯ ސްލިވިއަން ދިން ބޯޅައިގައި ރޮނަން ފޮނުވާލި ބޯޅައަށް އިންޑިއާ ކީޕަރު ކުރިއަށް ނުކުމެ، ސަލާމަތްކުރިއެވެ.

އެއާއެކު މެޗު ޕެނަލްޓީއަށް ގޮސްފައިވާ އިރު، އިންޑިއާގެ ނިންގްތޯހޮންޖަމް ރިޝީ ސިންހް ފޮނުވާލި ޕެނަލްޓީ ބަންގްލަދޭޝް ކީޕަރު އެމްޑީ އިސްމައީލް ހުސައިން މާހިން މަތަކުރިއެވެ. ބަންގްލަދޭޝްގެ މުރްސިދު އަލީ އެޓީމަށް ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކޮށްދިން އިރު، އިންޑިއާއިން ދެން ޖެހި ޕެނަލްޓީ އެމްޑީ އަރްބާޝް ކާމިޔާބުކުރިއެވެ.

ބަންގްލަދޭޝްގެ ޗަންދަން ރޯއީގެ ޕެނަލްޓީއާއި އިންޑިއާގެ އަހޮންގްޝަންބަން ޖެހި ސަމްސޮން ޖެހި ޕެނަލްޓީވެސް ކާމިޔާބުކުރި އިރު، ބަންގްލަދޭޝްގެ އަބްދުލް ރިޔާޒް ފަހީމްވެސް ޕެނަލްޓީ ވެއްދިއެވެ. އިންޑިއާގެ ވިޝާލް ޔާދެވްވެސް އަނެއްކޮޅުން ޕެނަލްޓީ ވެއްދިއެވެ.

އެ ޕެނަލްޓީއަށްފަހު އިންޑިއާގެ ކީޕަރު ސޫރަޖަށް އަނިޔާވެގެން ކަމަށް ބުނެ، އޭނާ ވެއްޓިފައިވާ އިރު، އިންޑިއާއިން މަސައްކަތް ކުރީ ކީޕަރު ބަދަލުކުރާށެވެ. އެހެން ނަމަވެސް، އެކަމަށް ހުއްދައެއް ނުލިބުނެވެ. އޭގެފަހުން ބަންގްލަދޭޝްގެ ސަމިއުލް ރަކްސަމް ޖެހި ޕެނަލްޓީ ނާކާމިޔާބުވި އިރު، އިންޑިއާއަށް ފައިދާ ނަގަން ލިބުނު ފުރުސަތުގައި ޑޯޑުމް ޖެހި ޕެނަލްޓީ ދިޔައީ މަތިންނެވެ.

ބަންގްލަދޭޝް މޮޅުވެި ޕެނަލްޓީ ޖެހީ ރޮނަން އެވެ.

މި މުބާރާތުގައި ވާދަކުރި ގައުމުތަކަކީ ބަންގްލަދޭޝް އާއި އިންޑިއާ އާއި ރާއްޖެ އާއި ނޭޕާލާ ބޫޓާނާއި ސްރީ ލަންކާ އަދި ޕާކިސްތާނެވެ.

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް މާލޭގައި ފެށީ މިދިޔަ މަހުގެ 23 ގަ އެވެ.