ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯގެ އާ ފިލްމު 'ޓޯސްޓާ' ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި މަހުގެ 15 ގައި ނެޓްފްލިކްސް އިން ޕްރީމިއާ ކުރަން ހަމަޖެހިފައިވާ މި ޑާކް ކޮމެޑީ އަކީ ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އެކްޓަރުގެ އަންހެނުން ޕަޓްރަލޭކާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. އަދި މިއީ އޭނަ އާއި ރާޖްގެ އަމިއްލަ ފިލްމު ކުންފުނި، ކަމްޕާ ފިލްމްސްގެ ފުރަތަމަ އުފެއްދުމެވެ.
ވިވެކް ދާސް ޗައުދަރީ ޑައިރެކްޓްކޮށްފައިވާ 'ޓޯސްޓާ' ގެ ބަތަލާ އަކީ ސާނިއާ މަލްއުތުރާ އެވެ. މި ފިލްމުން ފެންނާނެ ކާސްޓުންގެ ތެރޭގައި ފަރާ ޚާން، އަރްޗަނާ ޕޫރާން ސިންގް، ސީމާ ޕަހްވާ، އަބީޝެކް ބެނަޖީ އަދި ޖިތެންދުރަ ޖޯޝީ ހިމެނެ އެވެ.
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރާޖް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ޖުލައިގައި ގެނެސްދިން އެކްޝަން ތުރިލާ 'މާލިކް' އިންނެވެ.