Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އިންތިހާބުތައް ކުރިއަށްދާ ގޮތް ރަނގަޅު: ނަޝީދު

މިއަދު ބާއްވާ އިންތިހާބުތަކުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު ވަރަަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ޑިމޮކްރަސީ ހިނގަމުންދާ ތަން ފެނިވަޑައިގަތުމަކީ އުފާކުރައްވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވޯޓް ލެއްނުމަށް ފަހު މީޑިއާތަކަށް ނަޝީދު ވިދާޅުވީ، ހުރިހާ ޕާޓީތަކުން ވެސް މި އިންތިހާބުތަކުގެ ކެމްޕޭނުގެ ކަންކަން ވެސް ކުރިއަށް ގެންދިޔައީ ވަރަށް ސުލުހަވެރިކަމާ އެކު، ފޯރީގައި ކަމަށެވެ. އަދ ވޯޓުލުމުގެ ކަންކަން ވެސް އޮމާންކަމާ އެކު ކުރިއަށް ދިއުމަކީ ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވ.

"ވަރަށް ހިތްހަމަޖެހޭ. ވަަރަށް އޮމާންކަމާ އެކު ހުރިހާ ބޭފުޅުން ވެސް ވޯޓުދެމުން އެބަ ގެންދޭ. ދެން އަދި ކެމްޕޭންތައް ވެސް ސުލުހަވެރިކަމާ އެކު ހުރިހާ ޕާޓީތަކުން ވެސް ވަރަށް ޖޯޝާއި ފޯރީގައި ކެމްޕޭންތައް ވެސް ހިންގިއްޖެ. އަޅުގަނޑުގެ ހިތަށް ވަރަށް އުފާވެރިކަމެއް ލިބޭ މަންޒަރުތަކެއް ޑިމޮކްރަސީ ހިނގަމުންދާ ތަން ފެންނަކަމީ." ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ގާނޫނީ ދައުލަތެއް ހިފެހެއްޓި، ތަނަވަސްކަން ހޯދޭނީ މި ނިޒާމު ފައްކާކޮށްގެން ކަމަށެވެ.

"ދެން އަޅުގަނޑު ދަންނަވާނީ ހުރިހާ ބޭފުޅުންގެ ވެސް މަސްއޫލިއްޔަތެއް، ވާޖިބެއް ވޯޓު ދިނުމަކީ. އަޅުގަނޑުމެންނަށް ގާނޫނީ ދައުލަތެއް ހިފެހެއްޓި، އަޅުގަނޑުމެންގެ ތަނަވަސްކަން ހޯދެނީ މި ނިޒާމު ފައްކާކޮށް، ކުރިއަށް ގެންދެވިގެން،" ނަޝީދު ވިދާޅުވި އެވެ. "އެހެންވީމަ ހުރިހާ ބޭފުޅުން ވެސް ވޯޓު ދެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް."

މިއަދު ބާއްވާ ތިން އިންތިހާބަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓެވެ.

މި ތިން އިންތިހާބަށް މިހާތަނަށް 62،000 އަށް ވުރެ ގިނަ މީހުން ވޯޓްލާފައިވެ އެވެ.

ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. ވޯޓްލާން ފެށީ ހެނދުނު 8:00 ގަ އެވެ.