Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ވޯޓު ކިއުތައް ބަންދު، 63 ޕަސެންޓް ވޯޓުލައިފި

ފަހެއް ޖެހުމާއެކު މިއަދު ބާއްވާ އިންތިހާބުތަކުގެ ވޯޓު ކިއުތައް ބަންދުކުރަން ފަށައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ހަވީރު 16:00 އާ ހަމައަށް ޖުމްލަ 185،709 މީހުން ވޯޓްލާފައިވާ ކަމަށެވެ. މިއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 63 ޕަސެންޓެވެ.

މިއަދު ކުރިއަށް ދަނީ ތިން އިންތިހާބެކެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓެވެ.

މި އިންތިހާބުތަކުގައި ވޯޓްލުމުގެ ހައްގު ޖުމްލަ 294،876 މީހުންނަށް ލިބިގެންވެ އެވެ. އެއީ 144،505 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.

އިންތިހާބުތަކުގެ ވޯޓްލުން ހެނދުނު 8:00 ގައި ފެށި އިރު، ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދަން ކުރިން ނިންމި ނަމަވެސް ހޫނު ގަދަވުމުގެ ސަބަބުން އީސީން ވަނީ އެ މުއްދަތު ހަވީރު 5:00 އާއި ހަމައަށް އިތުރުކޮށްފަ އެވެ.

މި އިންތިޚާބުތަކަށް އަތޮޅުތަކާއި ރިސޯޓްތަކާއި ޖަލު އަދި މާލޭ ސަރަހައްދު ހިމެނޭ ގޮތަށް ޖުމްލަ 588 ވޯޓު ބަހައްޓާފައިވެ އެވެ.