ބުނެވޭ ގޮތުގައި، ދެ ފަރުބަދަ ދޭތެރޭގައި އޮތް ފަޅު މަގަކުން ވިޔަފާރިވެރިއަކު އޭނަގެ ޤާފިލާއާއެކު ދަތުރުކުރަމުން ދިޔައެވެ. މި ވިޔަފާރިވެރިއަކީ އޭނާގެ ދީލަތިކަމަށްޓަކައި މީސްތަކުންގެ މެދުގައި މަޝްހޫރު މީހެކެވެ. މީހުން ބުނެ އުޅެނީ އޭނާގެ ދޮރު ދުވަހަކު ވެސް ބަންދު ނުވާ ކަމަށާއި، އެހީއަކަށް އެދި އަންނަ މީހަކު ހުސްއަތާ ފޮނުވާނުލާ ކަމަށެވެ.
ދަތުރުގެ މެދުތެރެއިން، ހިލަގަނޑެއްގެ މަތީގައި އިށީނދެގެން އިން ޒުވާނަކު އޭނާއަށް ފެނުނެވެ. އެ ޒުވާނާގެ ހެދުން ހުރީ ވީދިފައެވެ. އަދި ބަނޑުހައިހޫނުކަމުގެ ސަބަބުން އޭނާގެ ދެލޯ ހުރީ ވަޅުވަދެފަ އެވެ. ވިޔަފާރިވެރިޔާ ގާފިލާ މަޑުކޮށްފައި އޭނާގެ ކައިރިއަށް ދިޔައެވެ. އެ ޒުވާނާ މަޑުމަޑުން ބުންޏެވެ: "ވޭތުވެދިޔަ ދެ ދުވަހު އަހަރެން އެއްވެސް އެއްޗެއް ނުކަމެވެ. ކާލާނެ ރޮށިކޮޅެއް ނަމަވެސް ލިބިދާނެތޯ؟"
ވިޔަފާރިވެރިޔާ އޭނާއަށް ކާނާ އާއި ފެން ދިނެވެ. އަދި އަރާމުކޮށްލުމަށްޓަކައި ގާފިލާގެ ގާޑިޔަލުން ތަނެއް ހަދައި ދިނުމަށް އޭނާގެ މީހުންނަށް އެންގި އެވެ. ދަތުރުމަތީގައި އެ ޒުވާނާ އިނީ އެއްޗެއް ނުބުނެ މަޑުންނެވެ. އޭނާ ބަލަމުން ދިޔައީ މުދަލުން ފުރިފައިވާ ފޮށިތަކަށެވެ. ރޭގަނޑު އެންމެން ނިދުމުން، އޭނާ ސިއްރުސިއްރުން ގޮސް ފޮށްޓެއް ހުޅުވައި، އެ ފޮށިން ރަން ދަބަހެއް ނަގައިގެން ކަނު އަނދިރީގައި ފިލައިފި އެވެ.
ފަތިސްވީ އިރު، ވިޔަފާރިވެރިޔާގެ މީހުންނަށް ވައްކަން ކުރިކަން އެނގުމުން އެމީހުން ވަރަށް ބޮޑަށް ރުޅި އަ އަވެ. އެމީހުން ވިޔަފާރިވެރިޔާ ގާތު ބުންޏެވެ. "ބީރައްޓެހިންނަށް އިތުބާރު ނުކުރުމަށް ތިބާގެ ގާތުގައި އަހަރެމެން ބުނީމެއް ނޫން ހެއްޔެވެ؟ ހިނގާށެވެ! އޭނާ އަތުލައިގަނެ، ތިބާގެ މުދާ އަނބުރާ ހޯދަމާ ހިނގާށެވެ!" ނަމަވެސް ވިޔަފާރިވެރިޔާ މަޑުމައިތިރިކަމާއެކު އަތް އުފުލައިލުމަށް ފަހު ބުންޏެވެ. "އޭނާގެ ފަހަތުން ނުދާށެވެ." ޤާފިލާގެ މީހުން ޙައިރާންވެފައި އެހިއެވެ. "އަހަރެމެންގެ މުދާ ވަގަށް ނެގި ވަގަކަށް އަހަރެމެން ހަނުތިބޭނީ ކިހިނެއް ހެއްޔެވެ؟" ވިޔަފާރިވެރިޔާ ބުންޏެވެ.
"ވައްކަން ކުރީ ބަނޑުހައިހޫނުކަން ކަމުގައިވާ ނަމަ، ބަނޑުފުރިފައި ހުންނަ ވަގުތު އޭނާ ލަދުގަންނާނެ އެވެ. އަދި އެއީ އޭނާގެ އާދަ ނުވަތަ ތަބީޢަތުގައި ހުރި ކަމެއް ނަމަ، އަދަބު ދިނުމަކުން އެކަމެއް އިޞްލާޙެއް ނުކުރެވޭނެއެވެ." ދެން ހިތާމަވެރި ރާގަކަށް އޭނާ އިތުރަށް ބުންޏެވެ. "ނަމަވެސް އޭނާގެ އެ ޢަމަލަކީ، ޙަޤީޤަތުގައިވެސް އެހީތެރި ކަމަށް ބޭނުންވެފައިވާ މީހުންގެ ކުރިމަތީގައި އަހަރެމެންގެ ދޮރުތައް ބަންދު ކުރަން ޖެހޭ ސަބަބަކަށް ނުހަދާށެވެ. ވަގަކު ވަގަށް ނަގާނީ ފައިސާ އެވެ. ނަމަވެސް އަހަރެމެން ހެޔޮކަންތައް ކުރުން ހުއްޓާލައިފިނަމަ، އަހަރެމެންގެ ހިތްތަކުން އެ ވަގަށް ނެގެނީ އޯގާތެރިކަމެވެ."
ދުވަސްތަކެއް ފާއިތުވެގެން ދިޔަ އެވެ.
އެއް ދުވަހެއްގެ އިރުއޮއްސުނު ވަގުތު، މޫނުމަތިން މާޔޫސްކަން ފެންނަން ހުރި އެ ޒުވާނާ އެނބުރި އަތުވެއްޖެއެވެ. އޭނާގެ އަތުގައި އެ ރަން ދަބަސް އޮތްގޮތަށް އޮތެވެ. ވިޔަފާރިވެރިޔާގެ ކުރިމަތީގައި ހުއްޓި ހުރެ ރޮމުން އޭނާ ބުންޏެވެ. "އަހަރެން ރަން ދަބަސް ހިފައިގެން ފިލީމެވެ. ނަމަވެސް ތިބާގެ ދީލަތިކަމާއި ހެޔޮކަމުން އަހަރެންނަކަށް ނުފިލުނެވެ.
އެ ދަބަސް ހުޅުވާ ކޮންމެ ފަހަރަކު، ތިބާގެ އަތުން އަހަރެންނަށް ފެން ބޯންދިން މަންޒަރާއި އެ މޫނު އަހަރެންނަށް ފެނެއެވެ." ވިޔަފާރިވެރިޔާ ހިނިތުންވެލައިފައި ބުންޏެވެ. "މާތްﷲ އަށް ޙަމްދު ހުއްޓެވެ. ތިބާގެ ހިތުގައިވާ އިންސާނިއްޔަތުކަން މަރެއް ނުވެއެވެ." އެ ޒުވާނާ ޖަވާބުގައި ބުންޏެވެ. "އަހަރެން އެނބުރި މިއައީ އަދަބަށް ބިރުގަނެގެނެއް ނޫނެވެ.
ނަމަވެސް، އަހަރެންގެ ސަބަބުން، އަހަރެންގެ ފަހުން އެހީއަކަށް ބޭނުންވާނެ މީހަކަށް އެހީތެރިކަމުގެ އަތެއް ދިއްކުރުން ހުއްޓިދާނެތީ އެކަމަށް ބިރުގަންނާތީއެވެ."
މި ވާހަކައިން ލިބޭ ފިލާވަޅު: ހެޔޮކަމަކީ ބަދަލުގައި ލިބޭ އެއްޗަކުން މިނެކިރޭނެ އެއްޗެއް ނޫނެވެ. އެއީ މީހަކު ދެރައެއް ދިނުމުން ވެސް، އެކަމުގައި ސާބިތުވެ ހުންނަން ޖެހޭ ސިފައެކެވެ.
ނޯޓް: މިއީ މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.