މާލޭގެ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި މީހުންގެ ހާލު ދެރަވީ ބަންދުކޮށްފައިވާ ތަނެއްގައި ޖަނަރޭޓަރެއް ހިންގުމުން ދުމުގެ އަސަރުކޮށްގެން ކަމަށް ފުލުހުން ބުނެފި އެވެ.
އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 6:35 ހާއިރު އެވެ.
ފުލުހުން ބުނީ މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޑީއެމްއެމްއޭ އެކްސްޕްރެސް 5 ކިޔާ ބޯޓްގައި އެ ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަންދުކޮށްފައިވާ ތަނެއްގައި ޖެނެރޭޓަރެއް ހިންގާފައި ހުއްޓައި، އޭގެއިން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދާފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުން ކަމަށެވެ.
ޚަބަރު ހުސްވެފައި ވަނިކޮށް ފެނުނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ. މި އެންމެންނަކީވެސް ފިރިހެނުންނެވެ.
އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު އެންމެންގެ ހާލަތު ވެސް ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖަނަރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އެދިފައިވެ އެވެ. އަދި ޖަނަރޭޓަރުން ބޭރުވާ ދުމުގެ އަސަރު ކުރުމުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާވާ ހާލަތަކަށް ކަންކަން ދިއުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކޮށް ފުލުހުން ބުނީ ބޯޓުފަހަރުގައި ނިދުމަށް ބޭނުންކުރާ ތަންތަނުގައި ވައި ދައުރުވާނެ ރަނގަޅު ނިޒާމެއް ހުރިކަން ކަށަވަރުކުރުމަށާއި، އެފަދަ ތަންތަނަށް ދުމުގެ އަސަރުކުރާ ގޮތަށް ޖަނަރޭޓަރު ފަދަ ތަކެތި ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.