Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މިއީ އައްޑޫ ރައްޔިތުންނަށް ލިބުނު ކާމިޔާބެއް: ނިޒާރު

މިއަދު ބޭއްވި އިންތިހާބުތަކުގައި އައްޑޫ ސިޓީން ލިބުނު ކާމިޔާބީއަކީ ސަރުކާރަށް ދިން ރަނގަޅު މެސެޖެއް ކަމަށް، އައްޑޫގެ މޭޔަރު ކަމުގެ ދެވަނަ ދައުރެއް ހޯއްދެވި އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިޒާރު އާއި މި އިންތިހާބުގައި އެންމެ ގާތުން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުޝްރިފް އަލީ އެވެ. ނިޒާރު އިންތިހާބު ކާމިޔާބު ކުރެއްވީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އިންތިހާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން ނިޒާރު ވިދާޅުވީ މިއީ އައްޑޫ ރައްޔިތުންގެ ކާމިޔާބީއެއް ކަމަށާއި ރައްޔިތުން ނިކުމެ އެމްޑީޕީއަށް ސަޕޯޓު ދިނީ ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫގެ ތަރައްގީ ކުރިއަށް ގެންދިޔުމަށް ބޭނުންވާތީ ކަމަށެވެ.

"އަދި ހާއްސަކޮށް ސަރުކާރަށް މުހިއްމު މެސެޖެއްގެ ގޮތުގައި މި މެސެޖު ވެގެންދާނީ. ސަބަބަކީ ދެ އަހަރާއި ބައިވެގެންދިޔައިރު އައްޑޫ ސިޓީއަށް އެއްވެސް ކަމެއް ނުކޮށް، ހަމައެކަނި ކުލަވަރު ދައްކައިގެން އައްޑޫގެ އިންތިހާބު ކާމިޔާބުކުރަން ކުރި މަސައްކަތް މިއޮތީ ހަމަގައިމު ވެސް ރައްޔިތުން ނޫނެކޭ ބުނެފައި،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވަނީ އައްޑު ވެގެންދާނީ މުޅި ރާއްޖެއަށް ނަމޫނާ އަދި ތަރައްގީގެ ގޮތުގައި އެންމެ ބޮޑު ކުރިއެރުން ހޯދާނެ ސިޓީއަށް ކަމަށްވެސް ވިދާޅުވެފަ އެވެ.

މިއަދު ބޭއްވި އިންތިހާބުގައި އައްޑޫގެ ގިނަ އަދަދެއްގެ ގޮނޑިތަކެއް އިދިކޮޅު އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ.