Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

މުލިކެޑެ ފަރަށް އެރި ބޯޓްގެ ޖޫރިމަނާ އަދިވެސް ނުދައްކާ: އީޕީއޭ

އައްޑޫ މުލިކެޑެ ފަރަށް 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެރި ތައިލެންޑްގެ މަސްބޯޓު ފުންކުރުމުގައި ފަރަށް ލިބުނު ގެއްލުމަށްވާ ފައިސާ ނުދީ ފުރާފައިވާ ކަމަށް އެންވައިރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން ބުނީ މުލިކެޑެ ފަރަށް އެރި ބޯޓު ފުންކުރި އިރު އެސަރަހައްދުގެ ގުތުރަތީ ވެށްޓަށް ބޮޑެތި ގެއްލުން ލިބިފައިވާކަމަށެވެ. އަދި އޭގެ ބަދަލުގައި 42 މިލިއަން ރުފިޔާ ހޯދުމަށް އެ ބޯޓު ފުންކުރުމުގައި މަސައްކަތް ކުރި ބީއެމްސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް އިން އެދުނުކަމަށެވެ.

އީޕީއޭގެ އޮފިޝަލަކު ވިދަޅުވީ 2998 ޓަނުގެ "އެމަރަލްޑް ރީފާ" އައްޑޫ އަށް މަސްބަރުކުރަން އުޅެނިކޮށް ފަރަށް އެރި ހާދިސާއާއި ގުޅިގެން އެބޯޓު ފުންކުރުމުގެ މަަސައަކަތް ކުރި ކުންފުނި ޖޫރިމަނާ ކުރި ފައިސާ ނުދައްކައި އޮއްވައި، އެ ބޯޓު ފުރައިގެން ގޮސްފައިވާ ކަމަށެވެ.

އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ އެ ކުންފުނި ފުރައިގެން ގޮސްފައި ވަނީ އެއީ ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށް ބުނެ ސިޓީއެއް ފޮނުވާފައި ކަމަށެވެ.

ނައީމް މިއަދު ވިދާޅުވީ ފަރަށް އެރި ބޯޓު ވެސް 2.3 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި ކަމަށެވެ. މި މައްސަލާގައި ބޯޓޫ ފުންކުރި ކުންފުނި ބުނެފައިވަނީ އެއްކަމަކަށް ދެ ޖުރުމަނާ އެއް ނުކުރެވެނެ ކަމަށެވެ. ނަމަވެސް އެކަން އީޕީއޭއިން ކޮށްފައިވަނީ ގާނޫނާއި އެއްގޮތަށް ކަމަށް ނައީމް ވިދާޅުވިއެވެ.

މި ހާދިސާ އާއި ގުޅިގެން ފަރަށް ލިބުނު ގެއްލުމުގެ ސާވޭއެއް އީޕީއޭއިން ވަނީ ކޮށްފައެވެ. އެގޮތުން ބޯޓު ފުންކުރުމުގެ މަސައްކަތް ކުރި ކުންފުނިން އެސަރަހައްދަށް ބޮޑެތި ނަގިލިއާއި ދަނގަޑު ބުރި ތައް ދޫކޮށްފައި ހުރިކަމަށް އީޕީއޭއިން ބުންޏެވެ.
އެގޮތުން 602 އަކަ މީޓަރުގެ ސަރަހައްދަކަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އީޕީއޭ އިން ބުނެ އެވެ.