Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ޕީއެންސީގެ ޒައާމަތުގައި އައްޑޫ ތަރައްގީގެ ނަމޫނާއަކަށް ވާނެ

ޕީއެންސީގެ ޒައާމަތުގައި އައްޑޫ ސިޓީ އަކީ ތަރައްގީގައި ނަމޫނާ ސިޓީއަކަށް ވެގެންދާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި އިންތިހާބުތަކުން އައްޑޫ ސިޓީން ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިއަށްވުރެ، ކާމިޔާބު އަދި ނަތީޖާ ނެރެދޭނެ މަސައްކަތްތަކެއް ފެނިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އިންޝާﷲ ޕީއެންސީގެ ޒައާމަތުގައި، ގްރޭޓާ އައްޑޫ ސިޓީއަކީ ތަރައްގީއާއި ތަނަވަސްކަމުގެ ނަމޫނާ ސިޓީއަކަށް ވެގެންދާނެ. އައްޑޫގެ ރައްޔިތުން އެދޭ ފަދަ އުފާވެރި، ކުރިއަރާފައިވާ ދުވަސްތަކެއް އަޅުގަނޑުމެންނާ ބައްދަލުކުރާނެ،" ސިނާން ވިދާޅުވި އެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން އައްޑޫގެ މޭޔަރުކަން ޕީއެންސީގެ ކެންޑިޑޭޓް މުޝްރިފް އަލީއާ ވާދަކޮށް ކާމިޔާބު ކުރެއްވީ މިހާރުގެ ވެސް އައްޑޫގެ މޭޔަރު އަލީ ނިޒާރު އެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ އެންމެ ގޮނޑިއެއް ވެސް ޕީއެންސީއަށް މިހާތަނަށް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

މީގެއިތުރުން އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަކަށް އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ހިޖްރާ (ހިޖޫ) ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ.

ކައުންސިލް އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ވަނީ ބަލިވެފަ އެވެ.