އިއްޔެ ބޭއްވި އިންތިހާބުތަކުން އައްޑޫ ސިޓީން އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން ވެހިކަލް ބުރެއް ބޭއްވުމަށް ނިންމައިފި އެވެ.
މި ވެހިކަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:45 ގައި ހިތަދޫ އެމްޑީޕީ ހަރުގެ ސަރަހައްދުންނެވެ. މި ވެހިކަލް ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން އެމްޑީޕީން ވަނީ އެދިފަ އެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން އައްޑޫގެ މޭޔަރުކަން ޕީއެންސީގެ ކެންޑިޑޭޓް މުޝްރިފް އަލީއާ ވާދަކޮށް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ މިހާރުގެ ވެސް އައްޑޫގެ މޭޔަރު އަލީ ނިޒާރު އެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ އެންމެ ގޮނޑިއެއް ވެސް ޕީއެންސީއަށް މިހާތަނަށް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
މީގެއިތުރުން އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަކަށް އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ހިޖްރާ (ހިޖޫ) ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ.
ކައުންސިލް އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ވަނީ ބަލިވެފަ އެވެ.