Last Updated: June 4, 23:58
Thursday, June 4, 2026
ދުނިޔެ

ލަރިޖާނީ ޝަހީދުވީ އިރު ދޫކުރެއްވި ބޮޑު ތަރިކަ!

އިޒްރޭލާއި އެމެރިކާނުން ދާދި ފަހުން ޝަހީދު ކޮށްލި އީރާނުގެ ގައުމީ ސަލާމަތާއި ބެހޭ އިސް މުޝީރު ޢަލީ ލާރިޖާނީ އަކީ އީރާނުގެ ސަރުކާރުގެ އެންމެ ބާރުގަދަ ދެތިން ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަތް ބޭފުޅެކެވެ. އޭނާޔަކީ މިލިޓަރީ އަދި އިސްތިރާޖީ ގޮތުން ފުންނާބު އުސް ބޭފުޅެއްގެ އިތުރުން ޢިލްމީ ގޮތުން އަރައިހުންނެވި، ފިލޯސަފަރެކެވެ.

އީރާން ފަދަ މުއްސަނދި ގައުމެއްގެ އެހާ ބާރުގަދަ ބޭފުޅަކު ލައްކަ ގިނަ މުދާ ތަކާއި ގަނޑުވަރު ތަކާއި ފައިސާ ތައް ޖަމާކުރައްވާފައި ހުންނާނެތާއެވެ! އޭނާ އަވަހާރަވީއިރު ދޫކުރެއްވި ގިނަ މުދާތަކާއި ފައިސާތަކާއި އަރަންޏާއި ދަރަނީގެ ލިސްޓު ހިސާބު ކުރި މީހުން ލިޔެފައިވާގޮތް ތިރީގައި މިވަނީއެވެ.

● 2011 ވަނަ އަހަރު އީރާނުގައި އުފައްދައި 14 އަހަރު ވެފައިވާ "ސަމަންދު" މަރުކާގެ ކާރެއް. އެ ކާރުގެ އަގަކީ ގާތްގަނޑަކަށް 3،000 ޑޮލަރާއި 4،000 ޑޮލަރާއި އާއި ދެމެދެވެ. އެއީ ގާތްގަނޑަކަށް 54،000 ދިވެހި ރުފިޔާއެވެ.
● އޭނާ ދިރިއުޅުއްވަމުން ގެންދެވީ ކުއްޔަށެވެ. ​ކޮންމެ މަހަކު ދައްކަވަމުން ގެންދެވި ކުލީގެ ޢަދަދަކީ ގާތްގަނޑަކަށް 60 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 928 ރުފިޔާ އެވެ.
● ​އީރާނުގެ ކުރީގެ ދީނީ މުރުޝިދު ޚުމައިނީ ދެއްވާފައިވާ ހަދިޔާއެއް ކަމަށްވާ ، އީރާނުގައި އުފައްދާފައިވާ ފިސްތޯލައެއް. މީގެ އަގަކީ ގާތްގަނޑަކަށް 1،000 އާއި 2،000 ޑޮލަރާ ދެމެދުގެ ޢަދަދެކެވެ. އެއީ 23،000 ވަރަކަށް ދިވެހި ރުފިޔާ އެވެ.
● އީރާނުގެ ދެވަނަ މުރުޝިދު ​ޢަލީ ޚާމަނާއީ ހަދިޔާއަކަށް ދެއްވާފައިވާ އަނގޮޓިއެއް. މީގެ އަގަކީ ގާތްގަނޑަކަށް 200 ޑޮލަރެވެ. އެއީ ގާތަގަނޑަކަށް 3000 ދިވެހި ރުފިޔާއެވެ.
● ​އޭނާގެ ދަރިކަނބަލަކު ސްކޫލަށް ގެންގޮސްދޭ ބަސް ޑްރައިވަރަށް މަހު އުޖޫރައިގެ ގޮތުގައި 30 ޑޮލަރު (464 ދިވެހި ރުފިޔާ) ދައްކަވަމުން ގެންދެވިއެވެ. އެ ހަފުތާގައި އޮތީ އެ ފައިސާ ނުދެއްކެވިއެވެ. އެ ބަސް ޑްރައިވަރު ލާރިޖާނީގެ ޖަނާޒާއަށާއި ތަޢުޒިޔާގެ މަޖިލީހަށް ހާޒިރުވިއެވެ. އެ ދަރަނި ލާރިޖާނީގެ މަތިން މާފު ކޮށްފި ކަމުގައި އެ ޑްރައިވަރު އެ މަޖިލީހުގައި އިޢުލާން ކުރިއެވެ.
އީރާނުގެ އެންމެ ބާރުގަދަ އިސްބޭފުޅުންގެ މުދާތަކާއި ފައިސާ ތައް ހުރި މިންވަރު އެނގިއްޖެއެވެ.
އެ ސަރަޙައްދުގެ އެހެނިހެން އިސްލާމީ ގައުމު ތަކާއި އަދި ދުނިޔޭގެ އެހެން ބައެއް ގައުމު ތަކުގެ އިސް ވެރިން ދިރި އުޅުއްވާ ދެރަ ނިކަމެތި ޙާލެެއްވެސް ބަލާލަމާ ހިންގަވާށެވެ.
□ ސަޢޫދީ ޢަރަބިއްޔާ:
ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން އަކީ ދުނިޔޭގެ އެންމެ މުއްސަނދި އެކެކެވެ. "ފޯބްސް" (Forbes) ފަދަ މާލީ މުއައްސަސާތަކުން އަންދާޒާކުރާ ގޮތުގައި ، އޭނާގެ އަމިއްލަ މިލްކިއްޔާތުގައި 5 ބިލިއަނާއި 25 ބިލިއަން ޑޮލަރާއި (ގާތްގަނޑަކަށް 77 ބިލިއަނާއި 385 ބިލިއަން ދިވެހި ރުފިޔާއާއި) ދެމެދުގެ ޢަދަދަކަށް ފައިސާ ހުރެއެވެ. ނަމަވެސް ، ސަޢޫދީ ދައުލަތުގެ އިންވެސްޓްމަންޓް ފަންޑު (PIF) މެދުވެރިކޮށް އޭނާ 1.15 ޓްރިލިއަން ޑޮލަރަށްވުރެ (ގާތްގަނޑަކަށް 17.7 ޓްރިލިއަން ދިވެހި ރުފިޔާއަށްވުރެ) ގިނަ މުދަލާއި ފައިސާ ކޮންޓްރޯލް ކުރައްވައެވެ. ​އެއް ޓްރިލިއަން (1,000,000,000,000) އަކީ "އެއްހާސް ބިލިއަން" އެވެ. މީގެ ބޮޑުކަން އަންދާޒާ ކޮށްލެއްވުމަށް އަންނަނިވި މިސާލާއިމެދު ވިސްނަވާލައްވާށެވެ. މީހަކު ކޮންމެ ދުވަހަކު 1 މިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް ، 1 ޓްރިލިއަން ރުފިޔާ ހުސްކޮށްލަން ​7 އަހަރާއި ، 4 މަހާއި އަދި 25 ދުވަސް ނަގާނެއެވެ!
މުޙައްމަދު ​ބިން ސަލްމާންގެ ބައެއް އަގުބޮޑު މިލްކިއްޔާތުތަކުގެ ތެރޭގައި:
■ ​500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ދިވެހި ރުފިޔާ) ގެ އަގުހުރި "The Serene" ނަމަކަށް ކިޔާ ސުޕަ-ޔޮޓެއް އޭނާ ގެންގުޅުއްވައެވެ.
■ ​ގަނޑުވަރު ތައް: ފަރަންސޭސިވިލާތުން 300 މިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 4.6 ބިލިއަން ދިވެހި ރުފިޔާއަށް) އޭނާ ބައްލަވައިގަތް "Chateau Lous XIV" އަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް ގެއެވެ. މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގައި ހުންނަ އެތައް ޝާހީ ގަނޑުވަރުތަކުގެ ފުރިހަމަ ބާރު އޭނާއަށް އޮވެއެވެ.
■ ​މަތިންދާބޯޓު: އޭނާގެ ދަތުރުފަތުރަށް ބޭނުންކުރައްވަނީ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ބޯއިން 747 ފަދަ ބޮޑެތި ، އެތައް މިލިއަން ޑޮލަރުގެ (އެތައް ބިލިއަން ދިވެހި ރުފިޔާގެ) އަމިއްލަ ޖެޓްތަކެވެ.
■ ​ވިޔަފާރި: ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ "ސަޢޫދީ-އަރަމްކޯ" އާއި، މަޝްހޫރު ފުޓްބޯޅަ ކްލަބު "ނިއުކާސަލް ޔުނައިޓެޑް" ފަދަ ބޮޑެތި ކްލަބްތަކާއި އެކި ޤައުމުތަކުގެ ޓެކްނޮލޮޖީ ކުންފުނިތަކުގައި އޭނާގެ ޙިއްޞާ އާއި ބާރު ހިނގާ އިންވެސްޓްމަންޓްތައް އެބަހުއްޓެވެ.
■ ​ސަޢޫދީ ރަސްކަމުގެ ޢާއިލާގައި ނުވަތަ އާލު ސަޢޫދު ގައި 15,000 އަށްވުރެ ގިނަ މެންބަރުން ތިބެއެވެ. ނަމަވެސް މުއްސަނދިކަން ކޮންޓްރޯލް ކުރަނީ މީގެ ތެރެއިން އެންމެ ނުފޫޒުގަދަ 2,000 އެއްހާ މެންބަރުންނެވެ. މުޅި ސަޢޫދީ ރަސްކަމުގެ ޢާއިލާ ގެ ޖުމްލަ މުއްސަނދިކަން 1.4 ޓްރިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 21.6 ޓްރިލިއަން ދިވެހި ރުފިޔާއަށް) އަރާ ކަމަށް ބެލެވެއެވެ. އިނގިރޭސި ޝާހީ ޢާއިލާ "ހައުސް އޮފް ވިންޑްސަރ" ގެ މިލްކިއްޔާތުގައި ވާ ކަމަށް ބެލެވިފައި ވަނީ 28 ބިލިޔަން ޑޮލަރެވެ. ވީމާ ސަޢޫދީ ގެ ބޭފުޅުން މިއުޅުއްވަނީ ވަރަށް ދަތި ޙާލެއްގައެވެ.
□ ޔޫ.އޭ.އީ
ޔޫ.އޭ.އީ ގެ އެންމެ މުއްސަނދި ދެ އިމާރާތް (إمارات) ކަމުގައިވާ އަބޫދާބީ އާއި ދުބާއީގެ ވެރިންވެސް އުޅުއްވަނީ ނުހަނު ދެރަ ޙާލެއްގައެވެ.
● ޔޫ.އޭ.އީގެ އާލް ނަޙްޔާން އާއިލާ (އަބޫދާބީގެ ވެރިން)
​ޔޫ.އޭ.އީގެ ރައީސް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން (MBZ) އިސްވެ ހުންނަވާ މި ޢާއިލާގެ ޖުމްލަ މުއްސަނދިކަން 300 ބިލިއަން ޑޮލަރަށްވުރެ (ގާތްގަނޑަކަށް 4.6 ޓްރިލިއަން ދިވެހި ރުފިޔާއަށްވުރެ) މަތިވާނެ ކަމަށް "ބްލޫމްބާގް" އިން އަންދާޒާ ކުރެއެވެ.
■ ​މުއްސަނދިކަން: މުޙައްމަދު ބިން ޒައިދުގެ އަމިއްލަ މިލްކިއްޔާތުގައި އެކަނިވެސް 30 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 462.6 ބިލިއަން ދިވެހި ރުފިޔާ) ހުރި ކަމަށް ބެލެވެއެވެ.
■ ​ގަނޑުވަރުތައް: އަބޫދާބީގައި ހުންނަ ރިޔާސީ ގަނޑުވަރު "ޤަޞްރު އަލް ވަޠަން" އަކީ 490 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.5 ބިލިއަން ދިވެހި ރުފިޔާ) ޚަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ. މީގެ އިތުރުން ލަންޑަނާއި ޕެރިހުގައިވެސް މި ޢާއިލާގެ އަގުބޮޑު ގަނޑުވަރުތައް ހުރެއެވެ.
■ ​ޔޮޓް: "Azzam" ނަމަކަށް ކިޔާ ދުނިޔޭގެ އެންމެ ބޮޑު އެއް ސުޕަ-ޔޮޓަކީ މި އާއިލާގެ އެއްޗެކެވެ. މީގެ އަގަކީ 600 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 9.2 ބިލިއަން ދިވެހި ރުފިޔާ) އެވެ.
■ ​މަތިންދާބޯޓު: އަމިއްލަ ބޭނުންފުޅަށް ބޯއިން 747 އާއި 787 ފަދަ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ޕްރައިވެޓް ޖެޓްތައް ބޭނުންކުރައްވައެވެ.
● ​ޔޫ.އޭ.އީގެ އާލް މަޚްތޫމް އާއިލާ (ދުބާއީގެ ވެރިން)
​ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ މުއްސަނދިކަން 15 ބިލިއަން ޑޮލަރަށްވުރެ (ގާތްގަނޑަކަށް 231.3 ބިލިއަން ދިވެހި ރުފިޔާއަށްވުރެ) އިތުރެވެ.
■ ​ވިޔަފާރި: ދުބާއީ ހޯލްޑިންގްސް އާއި އެމިރޭޓްސް އެއާލައިން ފަދަ ބޮޑެތި ކުންފުނިތަކުގައި އޭނާގެ ބޮޑު ޙިއްސާއެއް އޮވެއެވެ.
■ ​ޔޮޓް: އޭނާގެ "Duba" ނަމަކަށް ކިޔާ ޔޮޓަކީ 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ދިވެހި ރުފިޔާ) ގެ އެއްޗެކެވެ.
■ ​އަސް: އޭނާއަކީ ދުނިޔޭގެ އެންމެ އަގުބޮޑު އަސްތައް ގެންގުޅުއްވާ އަދި "Godolphn" ރޭސިންގް ޓީމުގެ ވެރިޔާއެވެ. އަސްތަކުގެ މިލްކިއްޔާތު އެކަނިވެސް ބިލިއަނުން ރުފިޔާއަށް އަރައެވެ.
□ ބަޙުރައިން
ބަޙުރައިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލް ޚަލީފާގެ އަމިއްލަ މިލްކިއްޔާތު 5 ބިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 77.3 ބިލިއަން ދިވެހި ރުފިޔާއަށް) އަރާނެ ކަމަށް އެކި މާލީ ރިޕޯޓްތަކުން އަންދާޒާ ކުރެއެވެ. މުޅި އާލް ޚަލީފާ ޢާއިލާގެ ޖުމްލަ މުއްސަނދިކަން މީގެ އެތައް ގުނައެއް އިތުރުވާނެއެވެ.
■ ​ގަނޑުވަރުތައް: ރަސްގެފާނުގެ މައިގަނޑު ރަސްމީ ގަނޑުވަރަކީ އައްޞަޚީރު ގަނޑުވަރު (Al-Sakhr Palace) އެވެ. މިއީ ބަޙްރޭނުގެ ހަނަފަސް ސަރަޙައްދެއްގައި ބިނާކޮށްފައިވާ، އެންމެ ޒަމާނީ ވަސީލަތްތަކާއި ޝާހީ ފުރިހަމަކަން އެކުލެވޭ ބޮޑު ބިނާއެކެވެ. މީގެ އިތުރުން ސަފަރިއްޔާ ގަނޑުވަރާއި، ދުނިޔޭގެ އެކި ޤައުމުތަކުގައި މި ޢާއިލާގެ އަގުބޮޑު ގެތައް ހުރެއެވެ.
■ ​ޔޮޓް: ރަސްގެފާނު ގެންގުޅުއްވާ އެންމެ މަޝްހޫރު ޔޮޓަކީ "Alwael" އެވެ. ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.2 ބިލިއަން ދިވެހި ރުފިޔާ) ގެ އަގުހުރި މި ޔޮޓަކީ ކަނޑުމަތީގެ "ގަނޑުވަރެއް" ފަދަ ތަނެކެވެ.
■ ​މަތިންދާބޯޓު: ބަޙްރޭން ރޯޔަލް ފްލައިޓްގެ ދަށުން ބޯއިން 747-400 ފަދަ 250 މިލިއަން ޑޮލަރަށްވުރެ (ގާތްގަނޑަކަށް 3.8 ބިލިއަން ދިވެހި ރުފިޔާއަށްވުރެ) އަގުބޮޑު ޕްރައިވެޓް ޖެޓްތައް ރަސްގެފާނުގެ ދަތުރުފުޅުތަކަށް ބޭނުންކުރައްވައެވެ.
■ ​އަސް: ސައުދީ އަދި ޔޫ.އޭ.އީގެ ވެރިންނެކޭ އެއްފަދައިން، ބަޙްރޭނުގެ ރަސްގެފާނަކީވެސް އަރަބި އަސްތަކަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. އޭނާގެ އަސްތަކުގެ އަގު އެތައް މިލިއަން ޑޮލަރަކަށް އަރައެވެ.
■ ​ވިޔަފާރި: ބަޙްރޭނުގެ އިޤްތިޞާދުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަނީ ޝާހީ އާއިލާގެ ބާރުގެ ދަށުގައިވާ ކުންފުނިތަކުންނެވެ. އޭގެ ތެރޭގައި ތެލާއި، ބޭންކިންގް އަދި ރިއަލް އެސްޓޭޓް ދާއިރާ ހިމެނެއެވެ.
މި ބޭބޭފުޅުންގެ ފަގީރު ކަމުގެ ލިސްޓް މާދިގުވާތީ މިހިސާބުން ކުރު ކޮށްލަމެވެ. ޤަޠަރާއި ، ކުވޭތުގެ ވެރިންގެ ކިބައިންވެސް ފެންނަނީ މިފަދަ ފަގީރު ކަމެކެވެ.
އެމެރިކާގެ ރައީސް ޓްރަމްޕަކީވެސް ވަރަށް ބޮޑު ފަގީރެކެވެ. އޭނާގެ ފަގީރު ކަން "ފޯބްސް" (Forbes) އިން އަންދާޒާކުރާ ގޮތުގައި ، 2026 ވަނަ އަހަރުގެ މާރޗު މަހާއި ހަމަޔަށް ޓްރަމްޕްގެ މިލްކިއްޔާތަކީ 6.5 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 100.2 ބިލިއަން ދިވެހި ރުފިޔާ) އެވެ.
މިހުރިހައި މުދާތަކާއި ފައިސާ ތަކާއި ހުރި ބަޔަކަށް "ފަގީރުންނޭ" ކިޔާތީ ޙައިރާން ވޭ ނުންތޯއެވެ؟ އެހެން މިދަންނަވަނީ މިމީހުންނަކީ ޙަގީގަތުގައިވެސް ފަގީރުންނަށް ވާތީއެވެ. ޙަގީގީ މުއްސަނދި ކަމަކީ މުދަލާއި ފައިސާ ގިނަވުމެއް ނޫން ކަމާއި ޙަގީގީ މުއްސަނދި ކަމަކީ ނަފްސްގެ މުއްސަނދި ކަން ކަމުގައިވާ ސައްޙަ ޙަދީޡް ފުޅެއް އޮވޭ ނޫންތޯއެވެ؟ އާދެ ،
"لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ، وَلَكِنَّ الْغِنَى غِنَى النَّفْسِ"
​"މުއްސަނދިކަމަކީ މުދާ ގިނަވުމެއް ނޫނެވެ. ނަމަވެސް (ޙަޤީޤީ) މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދިކަމެވެ (އެބަހީ: އެމީހަކަށް ލިބިފައިވާ މިންވަރަށް ނަފްސު ފުދިގެންވުމެވެ)."
މިގޮތުން ބަލާއިރު ޙަގީގީ މުއްސަނދިންނަކީ ދުނިޔެއާއި މެދު ފުދިގެން ، ކުޑަ މިންވަރެއް ބޭނުން ކޮށްލައިގެން، ޢިއްޒަތާއިއެކުގައި ދުނިޔޭގައި އުޅެ ، ޢިލްމާއި ، ހިތްވަރާއި ، ރީތި ނަމޫނާ ތަކުގެ ތަރިކައެއް ދޫކޮށްފައި ދާ މީހުންނެވެ. އާދެ، ލާރިޖާނީ ހިމެނިވަޑައިގަންނަވާނީ އެންމެ ބޮޑެތި މުއްސަނދިންގެ ތެރެއިންނެވެ.

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.