Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

މާމިގިލީ ޖަމިއްޔާއެއްގެ ގުދަނުގައި ރޯވެއްޖެ

އދ. މާމިގިލީގެ ޖަމިއްޔާއެއްގެ ގުނަދަނެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެ ރަށު ފެހުރިހި ޔޫތު އެސޯސިއޭޝަންގެ ގުދަނުގައި ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ 9:30 އެހާކަށްހާ އިރު އެވެ. އެތަނުން ބުނީ މާލެ އޭރިއާ ކޮމާންޑް، މާމިގިލި ފަޔަރ ސްޓޭޝަނަށް އެ ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެ ތަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން، ރޯވި ތަނުން އަލިފާން އެއްކޮށް ނިއްވައިލެވުނީ 10:13 ހާއިރު އެވެ.

ރޯވި ހާދިސާގައި ގުދަނުގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ފާއުވި ހަފުތާއެެއްހާ ދުވަހުގެ ތެރޭގައި އެކި ހިސާބުތަކުގައި އަލިފާންގެ ހާދިސާތައް ހިނގައި ގެއްލުންތައް ލިބިފައިވެ އެވެ. އެގޮތުން އިއްޔެ ހަވީރު ހުޅުމާލޭ ފޭސް ތިނެއްގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެފައިވާ އިރު، ހުކުރު ދުވަހު ހަވީރު ރ. އަލިފުށީ ގެއެއްގައި ރޯވެ، އެ ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ. ގއ. ވިލިގިނލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.