ރާއްޖޭގެ ޑައިރެކްޓަރު މުހައްމަދު ހިލްމީ ވަރަށް ގިނަ ޒަމާންތަކެއް ފަހުން އެނބުރި ޑައިރެކްޝަނަށް އައިސް ގެނެސްދޭން ނިންމާފައިވާ ފިލްމު "ލަމްހާ" މި މަހުގެ ފަހުކޮޅު ރިލީޒް ކުރަން ނިންމައި، އޭގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.
އޭނަ ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމު އޮލިމްޕަހުގައި ޕްރީމިއާ ކުުރަން ހަމަޖެހިފައި ވަނީ މި މަހުގެ 29 ގަ އެވެ. "ލަމްހާ" ގެނެސްދޭ ތާރީހު އިއުލާން ކުރުމާ އެކު، ދިވެހި ފިލްމުތަކަށް ލޯބިކުރާ ވަރަށް ގިނަ ބަޔަކު މިހާރު ތިބީ ފިލްމުގެ ޓްރެއިލާ ދައްކައިލާނެ އިރެއްގެ އިންތިޒާރުގަ އެވެ.
"ލަމްހާ" ގެ ޓައިޓްލް ރޯލުން ފެންނާނީ އަރަމުން އަންނަ ޒުވާން ބަތަލާ އައިޝާ އަލީ އެވެ. އޭނަ އަކީ މިދިޔަ އަހަރު ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު ފިލްމު ކަމަށްވާ "ލިލީ" ގެ ވެސް ޓައިޓްލް ރޯލު ކުޅުނު ބަތަލާ އެވެ.
"ލަމްހާ" ގެ މައިގަނޑު ކާސްޓުން އައިޝާއާ އެކު ފެންނާނީ އަހުމަދު ޝާރިފާއި ނުޒުހަތު ޝުއައިބްގެ އިތުރުން އަހުމަދު އީސަ (އާނަންދު) އެވެ.
ދެހާސް ސައުވީހުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާންކުރި "ލަމްހާ" ބެލުންޔެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، މީގެ ޑައިރެކްޓަރު ހިލްމީ އަކީ ކުރީގެ ވަަރަށް މަޝްހޫރު ފިލްމެއް ކަމަށްވާ 1993 ގެ "އިހްސާސް" ގެނެސްދިން ޑައިރެކްޓަރެވެ. އޭނަ އަކީ "ޗުއްޓީ" ގެ ވެސް ޑައިރެކްޓަރެވެ.
މި މަހުގެ 29 ގައި "ލަމްހާ" ޕްރީމިއާ ކުރަން ނިންމި އިރު، މި އަހަރު އަޅުވާ ތިން ވަނަ ފިލްމު "ޕަރީ: ޗެޕްޓާ 2" މާދަމާ ރޭ އޮލިމްޕަހުގައި ޕްރީމިއާ ކުރާނެ އެވެ. އަލީ ސީޒަންގެ މި ބިރުވެރި ފިލްމަކީ މި އަހަރުގެ ފުރަތަމަ ފިލްމުގެ ގޮތުގައި ޖެނުއަރީ 7 ގައި އޮލިމްޕަހުގައި އެޅުވި "ޕަރީ: ޗެޕްޓާ 1" ގެ ދެވަނަ ބައެ އެވެ.
މި އަހަރު އެޅުވި ދެވަނަ ފިލްމަކީ ޖެނުއަރީ 28 ގައި ރިލީޒްކުރި ޒުވާން އާ ޑައިރެކްޓަރު މޮވަނު ޝަފީގުގެ 'ދޯދި' އެވެ.