Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ހިދުމަތް ކުރުމުގެ މަގުސަދު އޮތް މީހަކު ނުގެއްލޭނެ

ޑިމޮކްރަސީގެ މަގަކީ ސީދާ މަގެއް ނޫން ކަމަށާއި އެކަން ގަބޫލުކޮށް ހިދުމަތް ކުރާ މީހުން ދެ ޞަފްޙާ ދޭތެރެއިން ނުގެއްލޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި އިންތިހާބުތަކުންމ ސަރުކާރަށް ލިބުނު ނަތީޖާ އަށް އިޝާރާތް ކުރައްވައި މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ބައެއް ފަހަރު ރައްޔިތުން ތިމާގެ ފަހަތުގައި ތިބެ ވަޔާ އެއްކޮޅަށް ދާން ބުނާނެ ކަމަށެވެ. އަދި ބައެއް ފަހަރު ކުރިމަތިން ހުރަސް އަޅައި ވަޔާ ދެކޮޅަށް ދަތުރު ކުރަން ވެސް ބުނާނެ ކަމަށެވެ.

"[އެކަމަކު] ކޮންމެ ނަތީޖާ އަކީ ނިމުމެއް ނޫން. ކާމިޔާބީ އަކީ އެކަމާ މެދު ހިތްތިރި ކުރަން ޖެހޭ ކަމެއް. ހަމައެހެންމެ ނާކާމިޔާބީއަކީ އެކަމާ މެދު ވިސްނައި، ހިތްވަރުކޮށް، ގަދައަޅާ މަސައްކަތް ކުރުމަށް ލިބޭ ފުރުޞަތެއް. މިނިސްޓަރު ވިދާޅުވި އެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުން މިނަން ޖެހޭނީ ލިބޭ ކާމިޔާބީއަކުން އެކަންޏެއް ނޫން. އެހެނެއް ކަމަކު ސާބިތުކަމާއެކު ކަންކަން އިސްލާޙުކޮށް، ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތުން."

މުއްތަލިބް ވިދާޅުވީ ޑިމޮކްރަސީގައި ރައްޔިތުންގެ ކޮންމެ ނިންމުމަކީ އެއަށް އެންމެން އިޙްތިރާމް ކުރަން ޖެހޭ ނިންމެއް ކަމަށެވެ.

"ރައްޔިތުންގެ ޚިދުމަތުގައި އުޅޭ ކޮންމެ މީހަކީ ރައްޔިތުންގެ ނިންމުމުން ހިމޭންކަމުގައި ހުރެ، ފިލާވަޅު ލިބި، އަބުރުވެރިކަމާއެކު ހިއްވަރުކުރަން ޖެހޭ މީހެއް،" އޭނަ ވިދާޅުވި އެވެ. "ތާރީޚަކީ އެންމެ ދުވަހަކުން ލިޔެވޭ އެއްޗެއް ނޫން. ތާރީޚު ލިޔެވެނީ ބައިބަޔަށް. ޚިދުމަތް ކުރުމުގައި މަޤްޞަދެއް އޮތް މީހަކު ދެ ޞަފްޙާ ދޭތެރެއިން ނުގެއްލޭނެ."

އިއްޔެ ބޭއްވި އިންތިހާބުތަކަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ނެގި ރެފަރަންޑަމެވެ.

މި އިންތިހާބުތަކުން ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާއަކާ ކުރިމަތިވެފަ އެވެ.