ރައްޔިތުންގެ އިތުބާރު އޮތުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ފުވައްމުލަކުގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވައި ކާމިިޔާބު ކުރެއްވި އިސްމާއީލް ރަފީގު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ސިޓީގެ ރައްޔިތުން އޭނަ އަށް އިތުބާރުކޮށް ވޯޓް ދިން ކަމަށްޓަކައި މޭޔަރު ވަނީ ރައްޔިތުންނަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ. އިސްމާއީލް ވިދާޅުވީ ކައުންސިލްގެ ކުރިއަށް އޮތް ދައުރަކަށް ވެސް ރައްޔިތުން އިތުބާރުކޮށް ޒިންމާ ހަވާލު ކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އެެހެންވެ ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ރަށަށް ހިދުމަތް ކުރުމުގައި ހުންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން." އިސްމާއީލް ވިދާޅުވި އެވެ.
މި އިންތިހާބުގައި މޭޔަރުގެ މަގާމަށް އޭނައާ ވާދަކުރެއްވީ ޕީއެންސީގެ ފަރާތުން އަލީ މަސީހެވެ. އޭނަ ވަނީ މަގާމު އިސްމާއީލް ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރުހަބާ ވެސް ވިދާޅުވެފަ އެވެ.

ފުވައްމުލަކުގެ މޭޔަރުގެ މަގާމުގެ އިތުރުން ރާއްޖޭގެ އަނެއް ހަތަރު ސިޓީގެ މޭޔަރުން ވެސް ވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވައި ދެވަނަ ދައުރެއް ހޯއްދަވައިފަ އެވެ. އެއީ މާލޭގެ މޭޔަރު އާދަމް އާޒިމާއި އައްޑޫ މޭޔަރު އަލީ ނިޒާރާއި ތިނަދޫ މޭޔަރު ސައުދު އަލީގެ އިތުރުން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ.