އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކޮށްފައިވާ ކަމަށް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.
އައްޑޫގެ މޭޔަރު ކަމުގެ ދެވަނަ ދައުރެއް އަލީ ނިޒާރު ހޯއްދެވިއިރު، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން އައްޑޫގެ އެހެން އަވަށްތަކުގެ ގޮނޑިތައް ވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ.
ކައުންސިލް އިންތިހާބުގައި އައްޑޫގެ ގޮނޑިތަކުގެ ތެރެއިން އެންމެ ވާދަވެރިވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ގޮނޑި އެވެ. އެގޮތުން އެ ގޮނޑި 7 ވޯޓުގެ ތަފާތަކުން އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ނަޒީރު ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މިހާރުގެ ވެސް ކައުންސިލަރު އަދި ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދުއާ ވާދަކޮށެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި އައްޑޫ ކައުންސިލްގައި މިހާރުވެސް ތިއްބެވި ގިނަ އަދަދެއްގެ ކައުންސިލަރުން ވަނީ ދެވަނަ ދައުރެއް ކާމިޔާބުކުރައްވާފަ އެވެ.
މީގެއިތުރުން އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަކަށް އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ހިޖްރާ (ހިޖޫ) ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ. އަދި އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެންމެ ގޮނޑިއެއް ފިޔަވާ އެހެން ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ.