ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަކީ ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިހާބެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމު ވެސް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކުރައްވާފަ އެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ވަނީ ބަލިވެފަ އެވެ.
އިންތިހާބުގެ ނަތީޖާއާ ގުޅިގެން ޝިޔާމް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިޚާބުތައް ކާމިޔާބުކުރުން ހިމެނޭ ކަމަށާއި އިންތިޚާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ ކަމަށެވެ. އެގޮތުން އިންތިޚާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނާ ކަންކަން އިސްލާހުކުރަން ލިބޭ ވަރަށް ފަހި ފުރުޞަތުތަކެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ އަބަދުވެސް ކުރިއަށް ވިސްނާ ބައެއް. މިއީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް،" ޝިޔާމް ވިދާޅުވި އެވެ.
ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ މި އިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް އެމަނިކުފާނު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާކަމަށް ވިދާޅުވި އެވެ.
"މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި." ޝިޔާމް ވިދާޅުވި އެވެ.