Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

މިއީ އާ ހިތްވަރަކާއެކު ކުރިއަށްދާން ލިބުނު ފުރުސަތެއް: އަލައިކާ

އިއްޔެ ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، މާލެސިޓީގެ އެ ކޮމިޓީގެ ރައީސާގެ މަގާމަށް އިންތިޚާބުނުވި ނަމަވެސް މިއީ އާ ހިތްވަރަކާއެކު ކުރިއަށްދާން ލިބުނު ފުރުސަތެއް ކަމަށް ޕީީއެންސީގެ ފަރާތުން އެ ގޮނޑިއަށް ވާދަކުރެއްވި ކެނޑިޑޭޓް އާއިޝަތު އަލައިކާ ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި އިންތިޚާބުގައި މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް ޢާއިޝަތު ރީޝާ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލައިކާ ވިދާޅުވީ މި ގޮނޑި ކާމިޔާބު ނުކުރެވުނު ކަމުގައި ވިޔަސް، މި ދަތުރު ނިންމާލަނީ މާ މާނަހުރި އަދި މާ އަގުހުރި ކާމިޔާބީއަކާ އެކުގައި ކަމަށާއި އެއީ ގިނަގުނަ ރައްޔިތުން ކުރެއްވި އިތުބާރާއި، ދެއްވި ލޯތްބާއި ޔަގީންކަން ކަމަށެވެ. މިއީ ހަގީގަތުގައިވެސް ނުހަނު އުފަލާއި މަޑުމޮޅިކަމާއެކު ބަލައިގަންނަ، އެންމެ މަތީ ދަރަޖައިގެ ކާމިޔާބީއެއް ކަމަށް އަލައިކާ ވިދާޅުވި އެވެ.

މި ދަތުރަކީ ހަމައެކަނި މަގާމެއް ހޯދުމަށް ކުރި ދަތުރެއް ނޫން ކަމަށާއި މިއީ އަބުރުވެރި ދިރިއުޅުމަކަށް އެދޭ އާއިލާތަކުގެ ހައްގުގައި ވަކާލާތުކޮށް، ހަމަހަމަ ފުރުސަތުތަކާއި، މުޖުތަމައުގައި ހައްގުވާ މަގާމާއި ބާރުވެރިކަން ހޯދައިދިނުމަށް ކުރި މަސައްކަތެއް ކަމަށް އަލައިކާ ވިދާޅުވި އެވެ. އަދި އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމާއި މާލީ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ދޭންޖެހޭ އިނާޔަތްތަކެއް ނޫން ކަމާއި، އެއީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްގުތަކެއްކަން ކަށަވަރުކޮށްދިނުމަށް ކުރެވުނު ދަތުރެއް ކަމަށްވެސް އަލައިކާ ވިދާޅުވި އެވެ.

އަލައިކާ ވިދާޅުވީ ސިޔާސީ ހަޔާތުގައި މާޔޫސްވާންޖެހޭ ފަދަ ދަނޑިވަޅުތަކާއި، ބައެއް ފަހަރު ބޮޑެތި އިތުބާރު ނެތް އަމަލުތަކާވެސް ކުރިމަތިލާން ޖެހުނު ކަމަށާއި އަދި އޭނާގެ މަގުސަދުތަކާއި އަމަލުތައް އޮޅޭ ފަދަ ގޮތްގޮތަށް މާނަކޮށް، އަސްލެއް ނެތް ތުހުމަތުތައް ވެސް ކުރެވުނު ކަމަށެވެ. އެހެންނަމަވެސް، މި ހުރިހާ ގޮންޖެހުންތަކެއްގެ ތެރޭގައިވެސް ހުރީ ސާބިތުކަމާއެކުގައި ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މިއީ އާ ހިތްވަރަކާއި، ވަރުގަދަ އަޒުމަކާއެކު ކުރިއަށް ދިއުމަށް ލިބުނު ފުރުސަތެއް ކަމަށާއި އިހުލާސްތެރިކަމާއި، ސާބިތުކަމާއެކު ހިދުމަތް ކުރުމުގައި އޭނާގެ ދަތުރު މެދުނުކެނޑި ކުރިއަށްދާނެ ކަމަށްވެސް އަލައިކާ ވިދާޅުވި އެވެ.