Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ވަތަނީ ހިދުމަތަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ވަތަނީ ހިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވާން ހުޅުވާލި މުއްދަތު ޑިފެންސް މިނިސްޓްރީން އިތުރުކޮށްފި އެވެ.

ވަތަނީ ހިދުމަތަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިއަދަށް ހަމަވާން އޮތް ނަމަވެސް މިނިސްޓްރީން ބުނީ އެ މުއްދަތު މިހާރު މި މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 14:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށް ހާއްސަ ޕްރޮގްރާމެކެވެ. މީގައި 18 އަހަރު ނުވާ ކުއްޖަކު ބައިވެރިވާން ބޭނުންވާ ނަމަ، އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތް ނަމަ، އަދި ކުއްޖާ އަކީ ފުރިހަމަ ސިއްހަތެއްގައި ހުރި ކުއްޖެއް ނަމަ، ބައިވެރިވެވޭނެ އެވެ.

ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލި އިރު، މީގެ ދެވަނަ ބުރު މިދިޔަ ޖެނުއަރީގައި ފަށައިގެން ކުރިއަށް އެބަދެ އެވެ. އެ ބެޗުގައި 112 ރަށަކުން 350 ޒުވާނުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 286 ފިރިހެން ބައިވެރިންނާއި 64 އަންހެން ބައިވެރިންނެވެ.

ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗްގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި 344 ޒުވާނަކު ދަސްވެނިވިފައިވެ އެވެ.

މިއީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.