އިއްޔެ ބޭއްވި އިންތިހާބުތަކުން އައްޑޫ ސިޓީން އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން ވެހިކަލް ބުރެއް ބާއްވައިފި އެވެ.
މި ވެހިކަލް ބުރުގައި އައްޑޫގެ މޭޔަރު ކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވި އަލީ ނިޒާރު އާއި އެކި އަވަށްތަކުން އިންތިހާބުވި އެމްޑީޕީގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިހާބުވި މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން އައްޑޫ ކައުންސިލްގައި ހިމެނޭ 11 ގޮނޑި ވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ.
މީގެއިތުރުން އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަކަށް އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ހިޖްރާ (ހިޖޫ) ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ. އެ ކޮމިޓީގައި ވެސް އެންމެ ގޮނޑިއެއް ފިޔަވާ އެހެން ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
ކައުންސިލް އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ވަނީ ބަލިވެފަ އެވެ.