ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މުވައްޒަފުންތަކެއް ހޯދަން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް (އެވްސެކް) އިން އިއުލާންކޮށްފި އެވެ.
އެތަނުން މުވައްޒަފުން ހޯދަނީ އެވްސެކް ޓްރޭނީންގެ މަގާމަށެވެ. އެ މަގާމުތަކަށް 10 މީހަކު ބޭނުންވާ އިރު، ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާ އެކު، "ދިވެހި" މާއްދާއިން ދަށްވެގެން 'ސީ' ފާސްލިބިފައިވުން. ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓު 3 ގެ ސެޓްފިކެޓެއް އޮތުން ހިމެނެ އެވެ. އަދި ޢުމުރުން 18-35 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހެ އެވެ.
އެވްސެކް ޓްރޭނީންގެ އަސާސީ މުސާރަ އަކީ މަހަކު 7،670ރ. އެވެ. އެލަވަންސްގެ ގޮތުގައި މަހަކު 2،300ރ. އާއި ހާޒިރީ ޢިނާޔަތަށް ޒިރުވާ ކޮންމެ ދުވަހަކަށް 160ރ. ލިބޭނެ އެވެ.
އެވްސެކް އިން ބުނީ ވަޒީފާއަށް އެދި ހުށަހަޅާ މީހުންހެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރާނެ ކަމަށެވެ. އަދި މި ވަޒީފާތަކަށް މުވައްޒަފުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ، މި މަހުގެ 19-30 އާ ދެމެދު އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު 3013370 އަދި 3013411 އިން ހޯދޭނެ އެވެ.