މި ހަފުތާގައި އިންޑިއާގައި ފަށާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ޒުވާން ޤައުމީ ޓީޓީ ޓީމު ފުރައިފި އެވެ.
މި ޓީމު ފުރުމުގެ ކުރިން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިޢު ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓީމާ ބައްދަލުކުރައްވައި ހިތްވަރު ވެސް ދެއްވައިފަ އެވެ. މިނިސްޓަރު ވަނީ މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ކުޅުންތެރިން ވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް އެއް ކުއްޖެއް އަނެއް ކުއްޖަކަށް އެހީތެރިވެ ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.
އިންޑިއާގެ ޝިމްލާގައި ބާއްވާ މި މަހުގެ 8-11 އަށް ބާއްވާ މުބާރާތުގައި ވާދަކުރާ 15 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޤައުމީ ޓީމާ ގުޅޭ ގޮތުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ބުނީ މި އަހަރު އެހެން އަހަރުތަކަށް ވުރެ ބޮޑަށް ޓީމު ތައްޔާރުވެފައިވާ ކަމަށެވެ.
މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަ ކުރަނީ، އިންޑިއާ، ބަނގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ސްރީ ލަންކާއެވެ.
ރާއްޖެއިން މިއަހަރު ބައިވެރިވާ ޓީމުގައި ހިމެނެނީ މުހައްމަދު ހަލަފް ރާފިއު، އައްޔޫބު އިޒްކާން ސަލީމު، ފާޒް އިމްޔާޒް ލަތީފް، އަވުން އިބްރާހިމް ލަތީފް، މުހައްމަދު އާލް އިމްރާން، ފާތިމަތު ދީމާ އަލީ، އައިޝަތު އަލްސާ ނާފިޒު، މިޝްކާ މުޙައްމަދު އިބްރާހިމް، ސާރާ މޫސާ ޖަމީލު އަދި އައިޝަތު މަލަކް ތަސީން އެވެ.