އިންސާނީ ކަރާމާތާއި، މީހާގެ އަބުރާއި އިއްޒަތަކީ އިސްލާމީ ޝަރީއަތް ބިނާވެގެންވާ މުހިންމު ފަސް މަގުސަދުގެ ތެރެއިން ހިމެނޭ ކަމެކެވެ. މީސްތަކުންގެ މެދުގައި ފިތުނަ އުފައްދައި، އެކަކު އަނެކަކަށް ދޮގު ތުހުމަތުކޮށް، އަގުވައްޓާލުމަށް ކުރެވޭ މަސައްކަތްތަކަކީ މުޖުތަމައުގެ ބަދަހިކަން ލުއިކޮށްލާ ނުރައްކާތެރި ވަބާއެކެވެ.
މިއަދުގެ ޑިޖިޓަލް ދުނިޔޭގައި، މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މީހުންގެ އަބުރު ކަތިލުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމަކަށް ވެފައިވީ ނަމަވެސް، މިއީ އާޚިރަތް ދުވަހުން ބޮޑުވެގެންވާ އުގޫބާތް ހުރި ކަމެކެވެ. މާތް ﷲ ވަނީ މީހުންނާ މެދު ދޮގު ތުހުމަތުކޮށް އަބުރާ ބެހޭ މީހުންނަށް ގަދަފަދަ އިންޒާރު ދެއްވާފައެވެ. މުއުމިނުންގެ މެދުގައި ފާފަތައް ފެތުރުމާއި، މީހުންގެ ނުބައި ވާހަކަ ދެއްކުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ސޫރަތުލް ނޫރުގެ 19 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެ އެވެ.
(إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ)
މާނައީ: "ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.މީގެ އިތުރުން، އެއްވެސް އަސާސެއް ނެތި މީހުންގެ މައްޗަށް ފާސިގު އިލްޒާމްތައް އެޅުވުމަކީ ﷲ ގެ ލައުނަތް ހުރި ކަމެއްކަން ސޫރަތުލް އަޙްޒާބުގެ 58 ވަނަ އާޔަތުން އެނގެއެވެ. މީހަކު ނުކުރާ ކަމެއްގެ ތުހުމަތު އެޅުވުމަކީ "ބުހުތާނު" ދޮގެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން އެނގެނީ މުސްލިމެއްގެ ލެޔާއި، މުދަލާއި، އަބުރަކީ އަނެކާގެ މައްޗަށް ޙަރާމްވެގެންވާ އެއްޗެއް ކަމެވެ. ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި އެކަލޭގެފާނު މިކަމުގެ މުހިންމުކަން ބަޔާންކުރައްވައި ޙަދީޘްކުރެއްވި އެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި، މުދަލާއި، އަބުރަކީ ޙަރާމްވެގެންވާ އެއްޗެކެވެ…" ދޮގު ތުހުމަތުކޮށް އަގުވައްޓާލުމަކީ "މުފްލިސުން" ނުވަތަ ބަނގުރޫޓުވެފައިވާ މީހުންގެ ސިފައެއް ކަމަށް ރަސޫލާ صلى الله عليه وسلم ސިފަކުރެއްވިއެވެ. އެއީ ދުނިޔޭގައި ކުރި ހެޔޮ އަމަލުތަކުގެ ސަވާބު، އާޚިރަތް ދުވަހު އޭނާ އަބުރާ ބެހުނު މީހުންނަށް ބަހަން ޖެހި، އެންމެ ފަހުން ނަރަކައަށް ވަންނަން ޖެހޭ މީހާ އެވެ.
އިސްލާމީ ބޮޑެތި ޢިލްމުވެރިން ވަނީ ދުލުގެ ނުރައްކާތެރިކަމާ މެދު ވަރަށް ބޮޑަށް އިންޒާރު ދެއްވާފައެވެ. އިމާމް އަލްޣަޒާލީ އެކަލޭގެފާނުގެ "އިޙްޔާއު ޢުލޫމުއްދީން" ގައި ވިދާޅުވެފައި ވަނީ، ދުލުގެ އާފާތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ކަމަކީ މީހުންގެ އަބުރާ ބެހުމެވެ. އެއީ އެކަމުގެ ސަބަބުން މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލި، ހަސަދަވެރިކަން އުފެދޭތީއެވެ." އިމާމް އިބްނުލް ގައްޔިމް ވިދާޅުވެފައިވެއެވެ. "ޢަޖައިބެއް ފަދައެވެ! މީހާ ޙަރާމް ކާނާއާއި، ޒިނޭއާއި، ވައްކަން ކުރުމުން ދުރުހެލިވެގެން ހުންނައިރު، އޭނާގެ ދުލުން މުސްލިމުންގެ އަބުރާ ބެހި، އެބައިމީހުންގެ މަސްކެއުމުގައި (ޣީބަބުނުމުގައި) އެއްވެސް ޖެހިލުމެއް ނުވެ އެވެ."
މީސްތަކުންނާ މެދު ދޮގު ތުހުމަތުކޮށް، އަގުވައްޓާލަން މަސައްކަތް ކުރުމަކީ ހަމައެކަނި އަޚްލާގީ މައްސަލައެއް ނޫނެވެ. އެއީ ދީނީ ގޮތުން ބޮޑުވެގެންވާ ފާފައެކެވެ. މުޖުތަމައުގެ އަމާންކަން ދެމެހެއްޓޭނީ ކޮންމެ މީހަކީވެސް އަނެކާގެ އަބުރަށް އިހުތިރާމްކުރާ، ފެތުރޭ ކޮންމެ ވާހަކައެއް ކަށަވަރުކުރާ މީހަކަށްވެގެންނެވެ.
މާތް ﷲ އަޅަމެން އެންމެންނަކީ ދުލުގެ ނުބައިކަމުން ސަލާމަތްވެފައިވާ، މުސްލިމް އަޚުންގެ އަބުރު ރައްކާތެރިކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ.
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.