Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ވޯޓެއްގެ ތަފާތުން ފުވައްމުލަކު ގޮނޑިއެއް ޕީއެންސީއަށް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ގޮނޑިއެއް ޕީއެންސީއަށް ލިބިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީން ކާމިޔާބު ކުރީ ދަޑިމަގު ދާއިރާގެ ގޮނޑިއެވެ. ޕީއެންސީ ޓިކެޓުގައި ކުރިމަތިލެއްވި އައިޝަތު އަބްދުލްގާދިރަށް 483 ވޯޓު ލިބިވަޑައިގެންނެވި އިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު ޝީޒާ އިބްރާހިމަށް ލިބިފައިވަނީ 482 ވޯޓެވެ.

މި ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެއްގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފަ އެވެ.

އައިޝަތު އަބްދުލްގާދިރަކީ މިހާރު ވެސް ދަޑިމަގު ކައުންސިލް މެމްބަރަކަށް ހުންނެވި ކައުންސިލަރެވެ.

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފުވައްމުލަކު މޭޔަރު ކަމާއި އެ ސިޓީގެ އަށް ދާއިރާގެ ތެރެއިން ހަތް ދާއިރާއަށް ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

އޭގެ އިތުރުން އަންހެނުންގެ ކޮމެޓީގެ ނުވަ ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ހަތް ގޮނޑި ލިބުނުއިރު، ޕީއެންސީ އަށާއި އަމިއްލަ ކެންޑިޑޭޓަކަށް ވަނީ އެއް ގޮނޑި ކާމިޔާބުވެފަ އެވެ.