Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ހަރަދުތައް ކުޑަކުރަން މިފްކޯގެ ރަސްމީ ގަޑި ކުރުކޮށްފި

މި ދަނޑިވަޅުގައި ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން މިފްކޯގެ ރަސްމީ މަސައްކަތުގެ ގަޑި ކުރުކޮށްފި އެވެ.

ސަރުކާރުގެ މަސް ކުންފުނިން ބުނީ ރަސްމީ މަސައްކަތު ވަގުތުން މިހާރު ދެ ގަޑިއިރު މަދުކުރަން ނިންމާފައިވާ ކަމަށެވެ.
މިފްކޯ އިން މިފަދަ ފިޔަވަޅެއް އަޅަން ނިންމީ މެދުއިރުމަތައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމުގެ ސަބަބުންނެވެ.

މިފްކޯ އިން ބުނީ އެ ކުންފުނީގެ ރަސްމީ މަސައްކަތުގެ ގަޑިއަށް ބަދަލުތަކެއް ގެނައީ މުވައްޒަފުންނަށް ދަތި ނުވާނެ ގޮތަށް ބަލައިގެން ކަމަށެވެ.

އެގޮތުން ރަސްމީ މަސައްކަތު ގަޑި ހެނދުނު 08:00 އިން 4:00 އަށް ކުރިން އޮތް ނަމަވެސ،ް ރަސްމީ ގަޑި ދެން ނިމޭނީ މެންދުރުފަހު 2:00 އަށެވެ.
މީގެ އިތިުރުން ތެލަށް ހިނގާ ހަރަދު ކުޑަކުރަން މަސައްކަތު މާހައުލާއި އެކޮމޮޑޭޝަނާއި ކަރަންޓީން އަދި އާންމު ތަންތަނުގައި އޭސީ އާއި ބޮއްކާއި ކަރަންޓް އެހެން ސާމާނު ބޭނުންކުރުން މަދުކުރަން، ވެސް އިރުޝާދު ދީފައިވެ އެވެ. މީގެ އިތުރުން
ހެޑް އޮފީހުގެ ހުއްދަ ވަކިން ހޯދުމަށް ފަހު މެނުވީ މަސައްކަތްތަކާ ގުޅުން ހުރި ދަތުރުތައް ނުކުރުމަށް ވެސް މުވައްޒަފުންނަށް އަންގާފައިވެ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނާ ދެކޮޅަަށް މިދިޔަ ފެބްރުއަރީ މަހުގެ 28 ގައި ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވެސް ލޮޅުން އެރުމާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުން މިހާތަނަށް އެކި ފިޔަވަޅުތައް އަޅާފައިވެ އެވެ. އެގޮތުން ބައެއް ގައުމުތަކުން ވަނީ ރަސްމީ މަސައްކަތު ދުވަސްތައް ވެސް މަދުކޮށްފަ އެވެ.