ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް މުދާ ވިއްކާ ފަރާތްތަކަށް ގުޅައި، އެ ތަކެތި މަރާމާތުކުރި ކަމަށް ބުނެ ފައިސާ ފޭރޭ އައު ވައްތަރެއްގެ "ރިޕެއާ ސްކޭމް" އެއް ފެންމަތިވެފައިވާތީ، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބުނޯީ މަކަރާއި ހީލަތުން ފައިސާ ހޯދާ މި ނެޓްވޯކްތަކުން މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ މާކެޓްޕްލޭސްގައި ވިއްކާލާފައިވާ ކަމަށް ފާހަގަކޮށްފައި ހުންނަ މުދަލަށެވެ. އެއަށް ފަހު، އެ އެއްޗެއް ވިއްކި މީހާއާ މުއާމަލާތުކޮށް، އެއީ އެމީހުން މަރާމާތުކޮށް ދިން އެއްޗެއްކަމަށް ބުނެ އޮޅުވައިލާ ކަމަށެވެ. އަދި އިތުބާރު ހޯދުމުގެ ގޮތުން ސައްހަ ނޫން އިންވޮއިސް ނުވަތަ ރަސީދު ފަދަ ލިޔެކިޔުންތައް ވެސް ފޮނުވައި، މަރާމާތުގެ އުޖޫރަ ދެއްކުމަށް ޑިމާންޑުކުރާކަން ވެސް ފުލުހުން ފާހަގަކުކޮށްފައިވެ އެވެ.
އެހެންވެ އެފަދަ އޮޅުވާލުންތަކުގެ ޝިކާރައަކަށް ނުވުމަށްޓަކައި، ނުދަންނަ ފަރާތްތަކަށް އެއްވެސް ހާލަތެއްގައި ފައިސާ ޓްރާންސްފަ ނުކުރުމަށް ފުލުހުން ނަސޭހަތްތެރިވެފައިވެ އެވެ. އަދި ފައިސާ ފޮނުވުމުގެ ކުރިން، މުދާ ހަވާލުކުރީ ކާކުތޯ އާއި، އެއީ ކޮން ބައެއްކަން ޔަގީންކުރުމަށް އެދިފައިވެ ދީފައިވެ އެވެ.
އަދި ފައިސާ ޖަމާކުރަން އަންގާ އެކައުންޓަކީ މީގެ ކުރިން ސްކޭމްގެ މައްސަލައެއްގައި ރިޕޯޓުކުރެވިފައިވާ އެކައުންޓެއްތޯ ބެލުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅެއްކަން އެންޓި-ސްކޭމް ސެންޓަރުން ފާހަގަކުރެއެވެ.
މި ފަހަކަށް އައިސް ރާއްޖޭގައި ފައިސާ ފޭރެން ބޭނުންކުރާ މައިގަނޑު އެއް ޕްލެޓްފޯމަކީ ފޭސްބުކް މާކެޓްޕްލޭސްކަން ފާހަގަކުރެ އެވެ. އެހެންވެ މީގެ ކުރިން ވެސް އެކަމަށް ސަމާލުވާން ފުލުހުން އެތައް ފަހަރެއްގެ މަތިން އިލްތިމާސްކޮށްފައިވެ އެވެ.