ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީ މިރޭ މާލޭގައި ފާހަގަ ކުރަން ނިންމައިފި އެވެ.
މިކަމަށް ބާއްވާ ހާއްސަ ހަރަކާތް އޮންނާނީ އާޓިފިޝަލް ބީޗްގަ އެވެ. އެ ހަރަކާތް ފަށާނީ 8:30 ގަ އެވެ.
އެމްޑީޕީން ވަނީ ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފަ އެވެ. އެ ޕާޓީ އަށް ލިބުނު ކާމިޔާބީ އަށް ބަލާ އިރު، މިހާރު ވެސް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން މަގާމުން ދިފާއު ކުރެއްވުން ހިމެނެ އެވެ.
މި ކާމިޔާބީ އަކީ ސަރުކާރު ހިންގާ، ޕީއެންސީން އެމްޑީޕީ އަށް "ކުޅިދައްކައިލަން" ކުރި މަސައްކަތް ފެއިލްކޮށްލައި ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ދެ އިންތިހާބުން އެމްޑީޕީ އަށް ލިބުނު ބޮޑު ކާމިޔާބީ މިރޭ މާލޭގައި ފާހަގަ ކުރަން ތައްޔާރުވަމުން އަންނަ އިރު، އިއްޔެ ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ކާމިޔާބީ ފާހަގަކުރަން އެމްޑީޕީގެ މެންބަރުން ވެހިކަލް ބުރުތައް ބާއްވާފައިވެ އެވެ.