Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

ކަރިޝްމާ ބަލިވެއިންކަން އިއުލާންކޮށްފި

މިދިޔަ ހަފުތާގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިންޑިއާގެ ބަތަލާ ކަރިޝްމާ ތަމަންނާ އަލަތު ދަރިފުޅަށް ބަލިވެއިންކަން މިއަދު އިއުލާންކޮށްފި އެވެ.

ސޯޝަލް މީޑިއާގައި މިކަން ހިއްސާކޮށް ބުނެފައި ވަނީ ވިހާނީ އޮގަސްޓް މަހުގެ ތެރޭގައި ކަމަށެވެ. ކަރިޝްމާ އާއި ވިޔަފާވެރިއެެއް ކަމަށްވާ ވަރޫން ބަންގޭރާ ކައިވެނިކުރީ 2022 ގަ އެވެ.

ކަރިޝްމާ، 42، އާންމުންގެ ތެރޭގައި މަޝްހޫރުވީ ޓީވީ ސިލްސިލާތަކުންނެވެ. މިހާތަނަށް އޭނަ ވަރަށް ގިނަ ސިލްސިލާތައް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި 'ކިޔޫ ކީ ސާސް ބީ ކަބީ ބަހޫތީ'، 'ދޭޝް މޭ ނިކްލާ ހޯގާ ޗާންދު'، 'ކުސުމް'، 'ޝަރާރަތު' އަދި 'ގަޔާމަތު ކީ ރާތު' ހިމެނެ އެވެ.

ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ކަރިޝްމާ ސަޕޯޓިން ރޯލުތަކެއް ވެސް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި 'ސަންޖޫ'، 'ގްރޭންޑް މަސްތީ' އަދި 'ސޫރަޖް ޕޭ މަންގަލް ބާރީ' ހިމެނެ އެވެ.

ކަރިޝްމާ އަކީ ކަލާސް ޓީވީގެ މަޝްހޫރު ރިއަލިޓީ ޝޯ، 'ހަތުރޯން ކޭ ކިލާޅީ' ގެ 10 ވަނަ ސީޒަން ވެސް 2020 ގައި ކާމިޔާބުކޮށްފައިވާ ބަތަލާއެކެވެ.

އޭނަ މިހާރު އަންނަނީ ކުރީގެ ބަތަލާ ސްރީދޭވީގެ ފަހު ފިލްމު ކަމަށްވާ 2017 ގެ 'މޮމް' ގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ. އޭގެ ކާސްޓްގައި ސްރީދޭވީގެ ހަގު ދަރިފުޅު، ހުޝީ ކަޕޫރްގެ އިތުރުން ޖިއްޝޫ ސެންގުޕްތާ ހިމެނެ އެވެ.