މުޅި ރާއްޖެއިން ނިސްބަތުން އެންމެ ގިނަ ވޯޓާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަކަށް، އައްޑޫ ސިޓީގެ އެމްޑީޕީ ކެންޑިޑޭޓް ފާތިމަތު ހިޖްރާ (ހިޖޫ) ވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހިޖޫއަށް ވަނީ 9،722 ވޯޓު ލިބިފަ އެވެ. މިއީ 76 ޕަސެންޓް ވޯޓެވެ. އަދިވެސް ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާތައް ނުލިބޭތީ މި އަދަދު މިއަށް ވުރެ އިތުރުވުމުގެ ފުރުސަތު ބޮޑެވެ. ހިޖޫ މި އިންތިހާބު ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް އާމިނަތު އީނާއާ ވާދަކޮށެވެ.
ނިސްބަތުން އެންމެ ގިނަ ވޯޓު ހިޖޫ ހޯދިއިރު، އާބާދީގެ ނިސްބަތުން އެންމެ ބޮޑު މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ އާދަމް އާޒިމް އިންތިހާބުވީ 45 ޕަސެންޓް ވޯޓާއެކު އެވެ. މާލޭގެ ޑަބްލިއުޑީސީގެ ރައީސާ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ރީޝާ އިންތިހާބުވީ 52 ޕަސެންޓް ވޯޓާއެކު އެވެ.
މީގެއިތުރުން އައްޑޫގެ މޭޔަރު ކަމަށް އަލީ ނިޒާރު އިންތިހާބުވެފައިވަނީ 65 ޕަސެންޓް ވޯޓާއެކު ކަމަށްވާއިރު، ކުޅުދުއްފުށީ މޭޔަރު ކަމަށް މުހައްމަދު އާތިފް އިންތިހާބުވީ 69 ޕަސެންޓް ވޯޓުންނެވެ. އަދި ފުވައްމުލަކު މޭޔަރު ކަމަށް އިސްމާއިލް ރަފީގު އިންތިހާބުވެފައިވަނީ 64 ޕަސެންޓް ވޯޓުން ކަމަށްވާއިރު ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ސައުދު އަލީ އިންތިހާބުވީ 50 ޕަސެންޓް ވޯޓުންނެވެ.
ޑަބްލިޔުޑީސީގެ ރައީސްކަން އެމްޑީޕީއަށް ލިބުނުއިރު ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި ވެސް ލިބިފައި ވަނީ މިދިޔަ ދައުރުގައި ވެސް ފުރުއްވި އިދިކޮޅު އެމްޑީޕީގެ މެމްބަރުންނަށެވެ.