އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ 'ބޫތު ބަނގްލާ' ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި ފިލްމަކީ އޭނަގެ ކުރީގެ ވަރަށް ކާމިޔާބު ހޮރޯ-ކޮމެޑީއެެއް ކަމަށްވާ 2007 ގެ 'ބޫލް ބުލައްޔާ' ގެނެސްދިން ޕްރިޔަދަރުޝަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް މި މަހުގެ 16 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ 'ބޫތު ބަނގްލާ' އަކީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން އަކްޝޭ އާއި ޕްރިޔަދަރުޝަން އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
އެ ދެ މީހުން އެކީގައި އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2012 ގެ ކޮމެޑީ 'ބާގަމް ބާގް' އެވެ.
"ބޫތު ބަނގްލާ" ބެލުންތެރިންްނަށް ދޫކޮށްލާ އިރު، ޕްރިޔަދަރުޝަންގެ ތުރިލާއެެއްގެ މަސައްކަތް ވެސް އަކްޝޭ އޮތީ ނިންމައިފަ އެވެ. އެއީ ކާސްޓްގައި ސައިފް އަލީ ޚާން ވެސް ހިމެނޭ 'ހައިވާން' އެވެ. އެ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
'ބޫތު ބަނގްލާ' އަކީ މި އަހަރު ރިލީޒްވާ އަކްޝޭގެ ފުރަތަމަ ފިލްމެކެވެ. މީގެ ކާސްޓްގައި ވަމީގާ ގައްބީ، ޕަރޭޝް ރާވަލް، ތައްބޫ، ރާޖްޕަލް ޔާދަވް އަދި މިދިޔަ އަހަރު މަރުވި އެކްޓަރު އާސްރާނީ ވެސް ހިމެނެ އެވެ.