Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

މިފްކޯއިން އަލުން ތެޔޮ މަސްދަޅުގެ އަގު ހެޔޮކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްދަޅު ކުރީގެ އަގަށް ވިއްކަން ނިންމައިފި އެވެ.

މިފްކޯއިން މިއަދު ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން މަސްދަޅުގެ އަގު ބޮޑުކޮށްފަ އެވެ. މިފްކޯއިން ބުނި ގޮތުގައި މިދިޔަ މަހުގެ ކުރިން 11.57 ރުފިޔާ‏އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32 ރުފިޔާއަށް ކަމަށެވެ.

އެހެންވެ ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައިވަނީ 18.50 ރުފިޔާއަށްކަމަށް މިފްކޯއިން ބުންޏެވެ. މީގެ ކުރިން ތެޔޮ މަސްދަޅެއް ވިއްކަމުން ދިޔައީ 17.50 ރުފިޔާއަށެވެ.

ނަމަވެސް މިފްކޯއިން މިރޭ ބުނީ ކުރީގެ އަގަށް އަލުން މިހާރު މަސްދަޅު ވިއްކަން ފަށައިފައިވާ ކަމަށެވެ.

"މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ހިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިއާޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް ނިންމި ވާހަކަ ދަންނަވެމެވެ" މިފްކޯއިން ބުންޏެވެ.

އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭ އެއްގޮތަށް ތެޔޮ މަސްދަޅެއް 17.50 ރުފިޔާއަށް ލިބެން ހުންނާނެކަމަށް މިފްކޯއިން ބުންޏެވެ. އަދި ތެޔޮ މަސްދަޅު ކޭހެއް ވިއްކާނީ 760 ރުފިޔާއަށްކަމަށް މިފްކޯއިން ބުންޏެވެ.