މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން ލިބުނު ކާމިޔާބީ ފާހަގަކުރަން މިރޭ މާލޭގައި އެމްޑީޕީން ބާއްވާ ޖަލްސާގައި ވާހަކަދައްކަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ނުދޭން ނިންމައިފި އެވެ.
އާޓިފިޝަލް ބީޗުގައި މިރޭ ބާއްވާ ޖަލްސާގައި ނަޝީދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ވެސް ވާހަކަދައްކަން ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެއާއެކު އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން އަންނަނީ މިރޭގެ ޖަލްސާއަށް ނުދާނެ ކަމަށްވެސް ބުނެ ޕޯސްޓުތައް ކުރަމުންނެވެ.
މިކަމާ ގުޅިގެން ނަޝީދުގެ ނުރަސްމީ އެކައުންޓު، "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ "މި އުފާވެރި ރޭ، ވަރަށް ހިތްދަތިވެއްޖެ" ކަމަށެވެ.
Mi ufaaveri rey, varah hihdhathi vehje.
— MN unofficial (@anedhivehirajje) April 6, 2026
އެމްޑީޕީން މިކަމާ ގުޅިގެން ރަސްމީކޮށް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ނިމިގެންދިޔަ އިންތިހާބުގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުކަން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސާކަން ހޯދާފަ އެވެ.
ކައުންސިލް އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ވަނީ ބަލިވެފަ އެވެ.