Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ދެ ރައީސުންނާއެކު އަލުން ކާމިޔާބީ ފާހަގަކުރަން ގޮވާލައިފި

ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އަލުން އެމްޑީޕީގެ ކާމިޔާބީ ފާހަގަކުރަން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ގޮވާލައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން ލިބުނު ކާމިޔާބީ ފާހަގަކުރަން މިރޭ މާލޭގައި އެމްޑީޕީން ބާއްވާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ނުދޭން ނިންމުމުން ޕާޓީގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ.

އެކަމާ ގުޅިގެން މާރިޔާ ވިދާޅުވީ އެމްޑީޕީގެ އާންމު މެމްބަރުން ދެކެން ބޭނުންވީ ކުރީގެ ދެ ރައީސުން ސްޓޭޖުގައި މިރޭ ވާހަކަފުޅުދައްކަވާ، މި ކާމިޔާބީގައި ދެ ރައީސުން ބައިވެރިވެވަޑައިގަންނަވާތަން ފެނުން ކަމަށެވެ. އަދި ޒުވާން ކުދިން ބޭނުންވީ ދެ ރައީސުންނާއެކު ސެލްފީ ނަގާލަން ކަމަށާއި މުޅި ރާއްޖޭގެ ޑިމޮކްރެސީއަށް ލޯބިކުރާ އެންމެން ވެސް އެމްޑީޕީ އެކުގައި ގަދަކޮށް ފެންނަން ބޭނުންވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވަނީ ކުރީގެ ދެ ރައީސުންނާއެކު އަލުން މި ކާމިޔާބީ ގައުމީ ލެވެލެއްގައި ފާހަގަކުރާތަން ފެންނަން އެމްޑީޕީގެ މެމްބަރުން އެދޭ ކަމަށާއި މިކަން ފަހިކޮށްދޭން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

މިކަމާ ގުޅިގެން ނަޝީދުގެ ނުރަސްމީ އެކައުންޓު، "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ "މި އުފާވެރި ރޭ، ވަރަށް ހިތްދަތިވެއްޖެ" ކަމަށެވެ.

އެމްޑީޕީން މިކަމާ ގުޅިގެން ރަސްމީކޮށް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.