Last Updated: June 4, 23:58
Thursday, June 4, 2026
ދުނިޔެ

އިޒުރޭލުގެ ސިފައިންތަކެއް ހަނގުރާމަ އަށް ދެކޮޅު ހަދައިފި

ލުބުނާނުގައި އިޒުރޭލުގެ ދިފާޢީ ބާރު ނުވަތަ އައިޑީއެފްގެ ސިފައިންގެ ރޫޙު އެއްކޮށް ގެއްލި، ޖަމާޢަތް، ޖަމާޢަތަށް ލަދުވެތިކަމާއެކު އަމާން ދެމުންދާކަމުގެ ޚަބަރުތައް ފެންމަތިވެއްޖެ އެވެ.

އިޒުރޭލުގެ އެތައް ހާސް ރިޒާވު ސިފައިން ފާޅުގައި ބަޣާވާތްކޮށް، ޑިއުޓީއަށް ނުކުންނަން ދަނީ ދެކޮޅު ހަދަމުންނެވެ. ލުބުނާނުގައި ލަދުވެތިކަމާއެކު ހަތިޔާރު ބަހައްޓައި، ގިނަ ބަޔަކު އަމާންދިނުމުން ސަޙުޔޫނީ ކިޔާނުގެ ތެރޭގައި ވަނީ ހަމަނުޖެހުމާއި، ހަލަބޮލިކަން އުފެދިފައެވެ.

އިޒުރޭލުގެ ޗެނަލް 12 އާއި، ޗެނަލް 13 އިން ވަނީ ނާކާމިޔާބީގެ ނިކަމެތި އަދި ހުތުރު މަންޒަރުތަކެއް ދައްކައިފަ އެވެ. މުޅި ރިޒާވް ޔުނިޓްތަކުން ފިނޑި ފިނދަނަތަކެއްހެން ހަނގުރާމައިގެ މަޤާމުތައް ދޫކޮށް ދަނީ ފިލަމުންނެވެ. އަދި އެއްބަޔަކު ލަދުވެތިގޮތަކަށް ހަތިޔާރުތައް އުކާލާފައި، ހިޒުބު الله ބާރުތަކަށް ދަނީ އަމާންދެމުންނެވެ. އެއް ޒަމާނެއްގައި ބޮޑާ އަދި ކިބުރުވެރި އިޒުރޭލުގެ ދިފާޢީ ބާރުގެ ރޫޙު ފުނޑުފުނޑުވެ، ފެންނަ ފެނުމުގައި އެމީހުން ތިބީ ވަރަށް ބޮޑަށް ބިރުގަނެފައެވެ.

މި ތާރީޚީ ބަޣާވާތް ވެފައިވަނީ މިހާތަނަށް ސަޙުޔޫނީ އަސްކަރިއްޔާއަށް ލިބުނު އެންމެ ފުން އަދި އެންމެ ލަދުވެތިކަންބޮޑު ނާކާމިޔާބީ ކަމުގައެވެ. ރިޒާވް ސިފައިން ވަނީ ހަނގުރާމަ ކުރުމަށް އެމީހުން ބިރުގަންނަކަމަށް ފާޅުގައި އެއްބަސްވެފައެވެ. އެމީހުންގެ ފިނޑިކަމާއި، ސުލޫކެއް ނެތްކަން ވަނީ ހަނގުރާމައިގެ ސަފުތަކުގެ ތެރޭގައި، އަލިފާންގަނޑެއްހެން ފެތުރިފައެވެ. ފެންނަ ފެނުމުގައި އިޙުތިލާލީ ކިޔާނުގެ ކޮންޓްރޯލް ވަނީ ގެއްލިފައެވެ. އެގޮތުން ބައެއް ފައުޖުތަކުން ވަނީ، ހަތިޔާރުތައް ހިޒުބު ﷲ އަށް ދޫކޮށްލާފައި ފިލައިގެން ގޮސްފަ އެވެ.

މިހުވަރީ ބާރުތަކުން ތިބީ ސާބިތުކަމާއެކު ފާތިޙުންގެ ގޮތުގައި ހަނގުރާމައިގެ މައިދާނުގައެވެ. އެބާރުތައް ހުއްޓުވުމުގެ ހިތްވަރެއް، ސަޙުޔޫނީ ސިފައިންގެ ކިބަޔަކު ނެތެވެ. އަދި އީރާނުގެ އިސްތިރާޖީ އިރުޝާދާއެކު، އެމީހުން ތިބީ އިހުނަށްވުރެ މާބާރުގަދަކޮށެވެ. ހިޒުބު الله ގެ ބިރުކުޑަ ހަނގުރާމަ ވެރިންނާއި، ހޫޘީންގެ ހުއްޓުމެއް ނެތް ޙަމަލާތަކުގެ ސަބަބުން ހަމައެކަނި ދުޝްމަނުންގެ ސަފުތައް ރޫޅުނީއެއް ނޫނެވެ.

އެ މީހުންގެ ހަނގުރާމަ ކުރުމުގެ ޢަޒުމާއި، ރޫޙުވެސް ގެއްލުނީއެވެ. އޭގެއިތުރުން އެމެރިކާވެސް ބިރުން ހަނގުރާމަ ކުރުމަށް ފަސްޖެހެނީއެވެ. އެމެރިކާގެ ރައީސް ފިނދަނަ ޓުރަމްޕަށްވެސް މިހާރު ކުރެވޭ ހަމައެކަނި ކަމަކީ ޝައްކުތަކުން ފުރިފައިވާ ބަލިކަށި ބަޔާންތަކެއް ނެރުމެވެ. އެއްފަހަރު، ހުރުމޫޒު ކަނޑުއޮޅި ހުޅުވުމަށް 24 ގަޑިއިރުގެ މުހުލަތު އީރާނަށް ދޭނެއެވެ. އަނެއް ފަހަރު އެ މުހުލަތު 48 ގަޑިއިރަށް ބަދަލު ކުރާނެއެވެ.

އެއިން އެއްވެސް އިންޒާރަކަށް، އީރާނުން ކަހާތަން ހިރުވައިވެސް ނުލައެވެ. އެހެންކަމުން އެމެރިކާއިން ވަނީ، ފުރިހަމަ ހަނގުރާމައެއް ކުރުމަށް ސާފުކޮށް ބިރުގަނެފައެވެ. އަދި އެމެރިކާއިން ވަނީ ބަލިކަށިވެ ނިކަމެތިވަމުންދާ، އެ ޤައުމުގެ ބައިވެރިޔާ އިޒުރޭލު ދޫކޮށްލާފައެވެ. މިކަންކަމުން ހާމަކޮށްދެނީ އެމެރިކާގެ ބާރު މުޅިން ނެތެމުންދާކަމެވެ. މިއީ ކަންކަން ބަދަލުވުމުގެ ނިޝާނެކެވެ. އަދި ދުނިޔޭގެ ކުރިމަތީގައި ނިއުޅި ހާމަވަމުން އެދަނީ އެމެރިކާގެ ސްޕަރ ޕަވަރަށް ނިމުން އައުމުގެ ފެށުމެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.