Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ނިޒާރުގެ ހާއްސަ ޝުކުރެއް ފައިސަލަށް

ލޯކަލް ކައުންސިލް އިންތިހާބުގެ އައްޑޫގެ ކެންޕެއިން ހަރަކާތްތަކުގައި ކުރީގެ ނައިބު ރައީސް ފައިސަލް ކޮށް ދެއްވި މަސައްކަތްތަކަށް މޭޔަރުކަމުގެ ދެވަނަ ދައުރެއް ހޯއްދެވި އަލި ނިޒާރު ހާއްސަ ޝުކުރެއް ދަންނަވައިފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން އެމްޑީޕީ ހޯދި ކާމިޔާބީ ފާހަގަ ކުރަން މާލޭގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައި ފައިސަލްގެ ވާހަކަ ދެންނެވިފައި ނެތް ކަމަށެވެ.

ނިޒާރު ވިދާޅުވީ ކެމްޕޭން ހަރަކާތްތަކުގައި އެމްޑީޕީގެ ލީޑަޝިޕްގެ ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެން ހިތްވަރު ދެއްވި ކަމަށެވެ.

"އެ ވާހަކަ ބައެއް ނަންތަކާއި އެކު ރޭގެ ޖަލްސާގައި އަޅުގަޑު ދެންނެވިން. އެހެންނަމަވެސް ވަރަށް މުހިންމު އަދި އަދި ވަރަށް މަސައްކަތް ތަކެއް ކޮއްދެއްވި ދެ ބޭފުޅެއްގެ ނަން ދެންނެވިފައި ނުވާތީ ފާހަގަކޮށްލަން. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަކީ އަޅުގަޑުމެންގެ ދައުވަތު ގަބޫލް ކުރައްވައި ފުރަތަމަ ވަޑައިގެންނެވި ފަރާތް،" ނިޒާރު ވިދާޅުވި އެވެ. "އަދި އެންމެ ގިނަ ދުވަސް އައްޑޫގައި ހޭދަ ކުރައްވައި ކެމްޕެއިންގައި ބައިވެރިވެ ދެއްވި ބޭފުޅަކީވެސް އޮނަރަބަލް ފައިސަލް. ކެމްޕެއިން ނިންމުމުގެ ހަރަކާތުގައިވެސް ދެވަނަ ފަހަރަށް ބައިވެރިވެ ވަޑައިގެން އަޅުގަޑުމެންގެ މަސައްކަތަށް ހިތްވަރު ދެއްވިި. މިކަން ފާހަގަކޮށް އޮނަރަބަލް ފައިސަލް ނަސީމްއަށް އަޅުގަޑުމެން ހުރިހާ ކެންޑިޑޭޓުންގެ ނަމުގައި ޝުކުރު ދަންނަވަން."

މީގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކް ވެސް އައްޑޫގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތް ހިތްވަރު ދެއްވި ކަމަށް ނިޒާރު ވިދާޅުވި އެވެ.

"އެމަނިކުފާނު ބައިވެރިވުމަކީ އަޅުގަނޑުމެން ކެންޑިޑޭޓުންނަށް ވެސް އަދި އާންމު މެންބަރުންނަށް ވެސް ލިބުނު ވަރަށް ބޮޑު ހިއްވަރެއް. ޝުރިިއްޔާ ދެ ބޭފުޅުންނަށް ވެސް." އޭނަ ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ބޭފުޅުންގެ ތެރެއިން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް އައްޑު އަށް ވަޑައިގެން އެމްޑީޕީގެ އައްޑޫ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވި އެވެ.