އެއާ އިންޑިއާގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ކެމްޕްބެލް ވިލްސަން އިސްތިއުފާ ދެއްވައިފި އެވެ.
އޭނަ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް މިކަމާ ގުޅޭ ގޮތުން އެ އެއާލައިނުން އަދި ރަސްމީކޮށް ވަކި އެެއްޗެއް ނުބުނެ އެވެ. އެހެންވެ ވިލްސަން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އޭނަ އެކަން ބޯޑާ ހިއްސާކުރައްވާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
އެއާ އިންޑިއާގެ ސީއީއޯގެ މަގާމަށް ވިލްސަން، 55، އައްޔަންކުރީ ފަސް އަހަރުގެ ދައުރަކަށް ޖުލައި 25، 2022 ގަ އެވެ. ނިއު ޒީލެންޑަށް އުފަން ވިލްސަން އަކީ ކުރިން 25 އަހަރަށް ވުރެ ގިނަ ދުވަހު ސިންގަޕޯ އެއާލައިންސް ގްރޫޕްގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އެއާ އިންޑިއާ އަކީ މިހާރު އިންޑިއާގެ މަޝްހޫރު ކުންފުނި، ޓާޓާ ގްރޫޕްގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ އެއާލައިނެކެވެ. ސަރުކާރުން އެ އެއާލައިން އެ ކުންފުންޏަށް ވިއްކުމުގެ މުއާމަލާތް ނިންމާލީ 2022 ގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އިންޑިއާގެ ގައުމީ އެއާލައިންގެ ގޮތުގައި އޮޕަރޭޓް ކުރަމުން އަންނަ އެއާ އިންޑިއާގެ ހިދުމަތް ފެށީ މީގެ 79 އަހަރު ކުރިން ޖުލައި 29، 1946 ގަ އެވެ.